ENGLISH

04 ފެބްރުއަރީ 2026

Advertisement

ރައީސް ވަނީ ރާއްޖެ އޮތް އަނދަވަޅުން ސަލާމަތްކޮށްދީ، ޕްރޮޖެކްޓްތައް ފައްޓަވައިދެއްވާފަ: މޫސާ ޒަމީރު

18 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

މަޖިލީހުގެ ޖަލްސާއެއްގައި ވަޒީރު މޫސާ ޒަމީރު ވާހަކަދައްކަވަނީ. އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖެ ބަނގުރޫޓުވުން ސަލާމަތްކުރެވުން ކަމަށް ވިދާޅުވި.

ދެއަހަރުތެރޭ ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫޢުތައް ފައްޓަވައިދެއްވުން ކަމަށް މާލީ ވުޒާރާގެ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި، ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސަރުކާރު ވެރިކަމާ ޙަވާލުވީއިރު އިޤްތިޞާދީ ގޮތުން ވެއްޓިފައި އޮތީ ދަށް ޙާލަތަކަށް ކަމަށެވެ. 

"އެންމެ ބޮޑު ކަމަކަށް މި ކުރެވުނީ ރާއްޖެ ވަރަށް ބޮޑު އަނދަަވަޅަކަށް ވެއްޓިފަ އޮތީ އިޤްތިޞާދީ ގޮތުން މިދިޔަ 2023 ވަނަ އަހަރު ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު. އެހެންވީމަ އެ އަނދަވަޅުން ސަލާމަތްކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ރަނގަޅަށް ދެއްވާ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް ބޭނުންވާ ޕްރޮޖެކްޓްތައް ފައްޓަވައިދެއްވި" - މާލީ ވަޒީރު މޫސާ ޒަމީރު

ވަޒީރު ވިދާޅުވީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ރޭވުންތެރިކަމާއެކު ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިހާރު ކުރިއަށްދަނީ ކޮންސަލްޓޭޝަންގެ މަސައްކަތްތައް ކަމަށާއި، އަމާޒަށް ޙާޞިލްވެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ސަރުކާރާ ޙަވާލުވިއިރު، ގިނަ މީހުން ބުނަމުން އައީ ރާއްޖެ އޮތް ދަށް ޙާލަތުގެ ވާހަކަ ކަމަށާއި، ރާއްޖެ ބަނގުރޫޓުވާނެކަމަށް އޭރު ގިނަބަޔަކު ބުނަމުންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ. ކުރީ ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެސް ޤަބޫލުކޮށްގެން ތިބީ އެގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އޭރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެސް ތިބީ ކޮން ގަޑިއެއްގަތޯ މިކަންތައް (ބަނގުރޫޓުވުން) ވާނީ. އެގޮތަށް ބަލަބަލާ ތިބީ. އެކަމަކު ރައީސްގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ﷲގެ ރަޙްމަތްފުޅުން އަޅުގަނޑުމެން ދުވަހުން ދުވަހަށް ރަނގަޅުވަމުން އައީ. މިހާރު މިދެންނެވިހެން އެކްސްޓާނަލް ޑިފޯލްޓެއްގެ ވާހަކައެއް ނުދައްކާ" - މާލީ ވަޒީރު މޫސާ ޒަމީރު

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު، ވަޒީރު މޫސާ ޒަމީރު ވިދާޅުވިގޮތަށް މިހާރު އަންނަނީ ހުރިހާ ދާއިރާއަކުން ތަރައްޤީގެ މަޝްރޫޢުތައް ރަށްރަށުގައި ހިންގަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެއަހަރުގެ މުއްދަތުގައި އެންމެ ބޮޑު ކާމިޔާބީ އިޤްތިޞާދު ހަމައަކަށް އެޅުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. 

ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ އިޤްތިޞާދު އޮތީ ހޯދާ ބަލާ ބަޔަކަށް ވެސް ނުފެންނަހާ އަޑީގައި ކަމަށެވެ. އެހެންނަމަވެސް، މިއަދު އެވާހަކަ ނުދައްކާ ކަމަށާއި، ދައްކަންޖެހޭ ދަރަންޏެއް ސަރުކާރުން ދަނީ އެވަގުތެއްގައި ދައްކަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު