ENGLISH
05 ޖުލައި 2025
އަންނަ އަހަރުން ފެށިގެން ޑަބަލް ޕެންޝަން ނުލިބޭ ގޮތް ހަދަނީ
01 ޑިސެމްބަރު 2024
|
ފިނޭންސް މިނިސްޓްރީ
އަންނަ އަހަރުން ފެށިގެން އަލަށް ރިޓަޔަ ކުރާ ފަރާތްތަކަށް ޕެންޝަން އެލަވަންސް ކަނޑާލުމަށް ނިންމައިފީ ޑަބަލް ޕެންޝަނުގެ މައްސަލަ ހައްލު ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާގައި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ވިދާޅުވެފައިވާ ގޮތުގައި މި އައު ސިޔާސަތުގެ ދަށުން، އަލަށް ރިޓަޔަރ ކުރާ ފަރާތްތަކަށް އެލަވަންސް ނުލިބި، ލިބޭނީ ހަމައެކަނި އަސާސީ ޕެންޝަނެވެ. މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ.
ޑަބަލް ޕެންޝަން ލިބެނީ ސަރުކާރުގެ ބައެއް އިދާރާތަކުން ފޯރުކޮށްދޭ ރަސްމީ ޕެންޝަން ފައިސާގެ މައްޗަށް ރިޓަޔަރމަންޓް އެލަވަންސް އިތުރުވުމުންނެވެ. ފިނޭންސް މިނިސްޓްރީން ފާހަގަކުރައްވާފައިވާ ގޮތުގައި އެންމެ ބޮޑު ޑަބަލް ޕެންޝަން ދޫކުރަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށެވެ.
މިނިސްޓްރީން ނެރުނު ސާކިއުލާގައި ފާހަގަކޮށްފައިވާ ގޮތުގައި ފުލުހުންނާއި އެމްއެންޑީއެފް، އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ރިޓަޔަރމަންޓް އުމުރު ސަރުކާރުގެ އެހެން އިދާރާތަކަށް ވުރެ ދަށެވެ. މި ތަފާތު އުމުރުތަކުގެ ސަބަބުން ރިޓަޔަ ކުރާ ފަރާތްތަކަށް އެމީހުންގެ އެކްސްކްލޫސިވް ރިޓަޔަރމަންޓް ސްކީމްތަކުގެ ތެރެއިން ލިބޭ އެލަވަންސް ބޮޑުވެ އެވެ.
ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން، ޚާއްޞަކޮށް ވޯލްޑް ބޭންކުން، ވަނީ ރާއްޖޭގައި ޕެންޝަން ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއް ނޫން ކަމަށް ބުނެ، ޑަބަލް ޕެންޝަން ހުއްޓާލުމަށް އިލްތިމާސްކޮށްފަ އެވެ.
ސަރުކާރުން ޚަރަދު ކުޑަކުރުމަށް މިއަހަރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، ކުރިއަށް އޮތް އަހަރަށް އިތުރު ފިޔަވަޅުތަކެއް އަޅަން ވަނީ ރާވާފަ އެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓުން 6.6 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ދައުލަތުން ލަފާކުރެ އެވެ.