ENGLISH
18 ނޮވެމްބަރު 2025
ކަރަންޓު ގްރިޑަށް ކުރިއެރުން؛ 29 ރަށެއްގައި 44 ޖެންސެޓު ބަހައްޓައި 23.9 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކުރި
18 ނޮވެމްބަރު 2025
|
މިދިޔަ ދެ އަހަރުތެރޭ ކަރަންޓު ގްރިޑު ތަރައްގީކުރުމަށް ކުރި މަސައްކަތުގެ ތެރެއިން 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައި، އެރަށްތަކަށް 23.9 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސަރުކާރުގެ ދެއަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން ސްޓެލްކޯއިން މީސްމީޑިއާގައި އާއްމުކުރި ޕޯސްޓުގައި ވާގޮތުން، 29 ރަށުގައި ބެހެއްޓި ޖެންސެޓުގެ ތެރެއިން 28 ޖެންސެޓަކީ މުޅިން އާ ޖެންސެޓުތަކެވެ.
ޖުމްލަ 44 ޖެންސެޓާއެކު 23948 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކުރެވުނު ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
އަތޮޅުތެރޭގައި ކަރަންޓު ގްރިޑް ތަރައްޤީކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އއ އަތޮޅާއި އދ އަތޮޅު އަދި މާލެ އަތޮޅުގެ އަދާހަމަ މިއަދު ވަނީ އާއްމުކޮށްފައެވެ.
ސްޓެލްކޯއިން އިން ބުނީ އއ އަތޮޅުގެ 7 ރަށުގައި 11 ޖެންސެޓް ބަހައްޓާފައިވާކަމަށެވެ. މީގެ ތެރެއިން 8 ޖެންސެޓަކީ މުޅިން އައު ޖެންސެޓް ކަމަށާއި، މި 11 ޖެންސެޓާއިއެކު އެރަށްތަކަށް ޖުމްލަ 5.4 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކުރެވިފައިވާކަމަށް ސްޓެލްކޯއިން މަޢުލޫމާތުދީފައިވެއެވެ.
އއ. އަތޮޅުގައި ޖެންސެޓް ބެހެއްޓީ ބޮޑުފޮޅުދޫ، ފެރިދޫ، ހިމަންދޫ، މާޅޮސް، އުކުޅަސް އަދި ތޮއްޑޫގައެވެ.
އދ. އަތޮޅަށް ބަލާއިރު 8 ރަށުގައި 13 ޖެންސެޓް ބަހައްޓާފައިވެއެވެ. މީގެތެރެއިން 6 ޖެންސެޓަކީ މުޅިން އާ ޖެންސެޓުކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އެ 8 ރަށަށް މިދިޔަ ދެއަހަރު 3.7 މެގަވޮޓް ކެޕޭސިޓީ އިތުރުކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ދެއަހަރުތެރޭ އދ. އަތޮޅުގައި ޖެންސެޓު ބެހެއްޓީ، ދަނގެތި، ދިއްދޫ، ދިގުރަށް، ފެންފުށި، ކުނބުރުދޫ، މަހިބަދޫ، މަންދޫ އަދި އޮމަދޫގައެވެ.
މާލެ އަތޮޅުން 9 ރަށުގައި 15 ޖެންސެޓު ބެހެއްޓިއިރު އޭގެތެރެއިން، 12 ޖެންސެޓަކީ މުޅިން އާ ޖެންސެޓު ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދީފައިވެއެވެ. މާލެ އަތޮޅުގެ 9 ރަށަށް އިތުރުކުރީ ޖުމްލަ 12.8 މެގަވޮޓްގެ ކެޕޭސިޓީއެވެ.
މާލެ އަތޮޅުގައި ޖެންސްޓު ބެހެއްޓި ރަށްތަކަކީ، ދިއްފުށި، ގާފަރު، ގުޅި، ގުރައިދޫ، ހިންމަފުށި، ކާށިދޫ، މާފުށި، ތިލަފުށި އަދި ވިލިމާލެއެވެ.
ސްޓެލްކޯއިން ނޮވެމްބަރު 17 ވަނަ ދުވަހު އާއްމުކުރި މާލެ ސަރަޙައްދުގެ އަދާހަމައަށް ބަލާއިރު، ކަރަންޓު ދެވޭ ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ ދެ އަހަރުތެރޭގައި 1.6 މެގަވޮޓުގެ ހައިސްޕީޑް 20 ޖެންސެޓް އިތުރުކުރެވުނު ކަމަށް ބުނެފައިވެއެވެ.
ކަރަންޓު ގްރިޑް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ކުރަމުން އަންނަނީ މުޅި ރާއްޖެ ޝާމިލްވާހެންނެވެ. ނަތީޖާއެއްގެ ގޮތުން ގިނަ އަތޮޅުތަކެއްގައި ކަރަންޓު ގްރިޑުގެ ގާބިލުކަން މިހާރު ވަނީ އިތުރުވެފައެވެ.