ENGLISH

18 ނޮވެމްބަރު 2025

Advertisement

އައްސޭރި ޖަލުގައި އޮންލައިންކޮށް ޝަރީޢަތް ކުރިއަށްގެންދެވޭ ގޮތަށް ދެ ކޯޓް ރޫމް ހުޅުވައިފި

18 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހުޅުވި ދެ ކޯޓް ރޫމް. ފޮޓޯ: ކަރެކްޝަންސް

ކ. މާފުށީގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ފުރުޞަތު އިތުރުކުރުމުގެ ގޮތުން ދެ ކޯޓް ރޫމް އިއްޔެ ހުޅުވައިފިއެވެ. 

ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައްސޭރި ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިސްމާޢީލް ނަސީރު ބައިވެރިވެވަޑައިގަތެވެ. 

ކަރެކްޝަންސް އިން ބުނީ އަލަށް ހުޅުވުނު ދެ ކޯޓް ރޫމްގެ ސަބަބުން، މާލެ އަދި އެހެން ރަށްރަށުގެ ކޯޓުތަކަށް ހާޟިރުކުރަން ޖެހޭ ޤައިދީންނާއި ބަންދުމީހުންނަށް، ދަތުރުފަތުރު ނުކޮށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭ ފުރުޞަތުތައް އިތުރު ވެގެންދާނެ ކަމަށެވެ. އަދި، އެ ފަރާތްތަކަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު ވެސް މިހާރަށްވުރެ އިތުރުވެގެންދާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

ކަރެކްޝަންސްގައި އިއްޔެ ހުޅުވި ކޯޓު ރޫމެއްގެ އެތެރެ. ފޮޓޯ: ކަރެކްޝަންސް

އައްސޭރި ޖަލުގައި ދެ ކޯޓް ރޫމް ހުޅުވުމުގެ އިތުރުން، ކޮމިޝަނަރ ޙަސަން ޒަރީރު އިއްޔެ ވަނީ އެ ޖަލުގެ އޮފިސަރުންނަށް ތިން ބެރެކްސް ހުޅުވާދެއްވައިފައެވެ.

އޮފިސަރުންގެ ބެރެކްސް އިމާރާތްކުރުމުގައި ހަރަކާތްތެރިވި އޮފިސަރުންނާއި މުވައްޒަފުން އަދި ޤައިދީން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވައި، އެފަރާތްތަކަށް ކޮމިޝަނަރ ޙަސަން ޒަރީރު ޝުކުރު އަދާކުރެއްވިއެވެ.

ބެރެކްސް އިމާރާތްކޮށް ހުޅުވުމުގެ ބޭނުމަކީ އައްސޭރި ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންގެ އެކޮމަޑޭޝަންއަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުން ކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު