ENGLISH

18 ނޮވެމްބަރު 2025

Advertisement

ކައުންސިލް އިންތިޚާބަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އިޢުލާނުކޮށްފި

18 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

އިންތިޚާބެއްގައި އޮފިޝަލުންތަކެއް ވޯޓު ގުނަނީ. ކައުންސިލް އިންތިޚާބަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވޭ. ފޮޓޯ: އިލެކްޝަންސް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތްތަކަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފިއެވެ. 

އެ ކޮމިޝަނުން އިއްޔެ ކުރި އިޢުލާނުގައި ބުނީ،  ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން https://my.elections.gov.mv ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. 

އޮފިޝަލަކަށް ވުމަށް އެދި ހުށަހަޅާ ފަރާތް ވާންޖެހޭނީ 18 އަހަރުވެފައިވާ މީހަކަށެވެ. އަދި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުމާއި، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ވެގެންނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. 

އިތުރު ޝަރުތުތަކަށް ބަލާއިރު، އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައި ފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

އޮފިޝަލުންނަށް ފައިސާ ދޭނެ ގޮތް ވެސް އިލެކްޝަންސްއިން ވަނީ އާއްމުކޮށްފައެވެ. 

  • އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ އޮފިޝަލަކަށް 2900 ރުފިޔާ
  • ވެރިޔާގެ އެހީތެރިއަކަށް ހަމަޖައްސާ އޮފިޝަލަކަށް 2600 ރުފިޔާ
  • ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2300 ރުފިޔާ
  • ގުނާ އޮފިޝަލަކަށް ހަރަކާތްތެރިވާ ފަރާތަކަށް 1800 ރުފިޔާ
  • ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާގެ އެލަވަންސެއް

ކަނޑައަޅާފައިވާ ފައިސާގެ އަދަދުގެ އިތުރުން، މަސައްކަތްކުރާ ގަޑިތަކަށްބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި ފައިސާ ދިނުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. 

އެ ކޮމިޝަނުން ބުނީ، އޮފިޝަލުންގެ ގޮތުގައި ޝައުގުވެރިވާ ފަރާތްތަކުން 2025 ޑިސެމްބަރު 21 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެ ކަމަށެވެ. 

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން މިހާރު ކަނޑައަޅާފައިވާ ތާރީޚަކީ މާރިޗު 28 އެވެ. އެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލާނީ ޖަނަވަރީ 17 ގައެވެ. 

ކިޔުންތެރިންގެ ހިޔާލު