ENGLISH
18 ނޮވެމްބަރު 2025
މި ސަރުކާރަށް ވާރުތަވީ ބޮޑެތި ދަރަނިތައް، ދެއަހަރުތެރޭ އިތުބާރު ގާއިމުކުރެވިއްޖެ: ސަޢީދު
18 ނޮވެމްބަރު 2025
|
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު. އިޤްތިޞާދު ހަމަމަގަށް އެޅުވުމުގައި ރައީސްގެ މަސައްކަތްޕުޅުތައް ފާހަގަކުރެއްވި
ސަރުކާރަށް ދެއަހަރު ވީއިރު ވަރަށް ބޮޑެތި ކުރިއެރުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ހޯއްދަވާފައިވާކަމަށް، އެމްއެމްޓީވީއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން ދެއްވި ބަސްދީގަތުމުގައި ސަޢީދު އެންމެ ބޮޑަށް ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޤައުމު ހިންގަން ލިބިވަޑައިގެންނެވިއިރު އޮތް އުނދަގޫ ޙާލަތެވެ.
"ވަރަށް ބޮޑެތި ކުރިއެރުންތަކެއް އެމަނިކުފާނު ހޯއްދަވައިފި، އޭގެތެރޭގައި އެމަނިކުފާނަށް ފުރަތަމަ ވާރުތަވެގެންއައި ބޮޑެތި ދަރަނިތައް އަދި ފައިސާ ޗާޕުކުރުމާ އެތައްއެތައް ކަންތައްތަކެއް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ވާރުތަވެގެން އައި" - ވަޒީރު މުޙައްމަދު ސަޢީދު
ވަޒީރު ވިދާޅުވީ، ސަރުކާރު ވެރިކަމާ ޙަވާލުވިއިރު، ރުފިޔާގެ އަގު އޮތީ ޑޮލަރުގެ ކުރިމަތީގައި ދުވަހަކުވެސް ނުވާވަރަށް ނިކަމެތިވެފައި ކަމަށެވެ. ސަރުކާރުގެ ކުންފުނިތައް ދަރާ ވިކިފައި އޮތްއިރު، ފައިސާގެ ކަންކަން އެމްޑީޕީގެ ވެރިކަމަށް މެނޭޖް ނުކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ހިންގަން ނިންމާފައިވާ މަޝްރޫޢުތައް މޮނިޓަރ ކުރެވޭނެ ގޮތްތަކެއް ވެސް ހަމަޖެހިފައި ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދަށް އައި ދަށްވުމާއެކު، ބައިނަލްއަޤްވާމީ މާކެޓުގައި ރާއްޖޭގެ ރޭޓިން ދަށްވެ، އިތުބާރު ވެސް އޮތީ ގެއްލިފައި ކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމާއެކު، ރާއްޖެ ބަނގުރޫޓު ވާނެކަމަށް ވާދަވެރިން ބުނަމުންދިޔަ ނަމަވެސް، ދެހަހަރު ފާއިތުވެދިޔައީ އެފަދަ ޙާލަތެއް މެދުވެރި ނުވެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ބަނގުރޫޓު ރާއްޖެ ނުވުމުގެ އިތުރަށް ރާއްޖެއާ ދޭތެރޭ އަލުން އަނބުރާ އިތުބާރު ގާއިމުކުރެވިއްޖެ. އަދި ރާއްޖެއާ ދޭތެރޭގަ އުއްމީދެއް ދުނިޔޭގެ މާކެޓްގަ އިރާދަކުރެއްވިއްޔާ މިހާރު އުފެދިގެން ހިނގައްޖެ." - ވަޒީރު މުޙައްމަދު ސަޢީދު
ރާއްޖޭގެ ޙާލަތު ރަނގަޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރެޔާއި ދުވާލު ކުރެއްވި އެތައް މަސައްކަތްޕުޅުތަކެއްގެ ސަބަބުން ކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.