ENGLISH

18 ނޮވެމްބަރު 2025

Advertisement

މައްސަލަތައް ހައްލުކުރުމުގައި ރައީސް ނިންމެވީ ހެޔޮ ބަދަލެއް އަންނާނެ ނިންމުންތައް: އާދަމް ޝަރީފް

18 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެއަހަރު ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ހެޔޮ ބަދަލެއް އަންނާނެ ނިންމުންތަކެއް ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ސަރުކާރުގެ ކާމިޔާބު ދެއަހަރާ ގުޅޭގޮތުން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. 

ސަރުކާރުން މިދިޔަ މުއްދަތުގައި އެންމެންގެ ދުޅަހެޔޮކަމަށް ނިންމި ނިންމުންތަކުގެ ތެރޭގައި ވޭޕް ބޭންކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރެވެއެވެ. އޭގެ އިތުރުން ވެސް ހުރިހާ ދާއިރާއަކަށް ބެލި ނަމަވެސް ރައްޔިތުންގެ މަޞްލަޙަތާ ގުޅުންހުރި މުހިއްމު ނިންމުންތަކެއް ރައީސް ވަނީ ނިންމަވައިފައެވެ. 

"ޚާއްޞަގޮތެއްގައި މީހުން ބިނާކުރުމާއި އިންސާނީ ވަޞީލަތްތަކަށް ޚާއްސަކޮށް މުޖުތަމަޢުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި ވަރަށް ބޮޑެތި ފިޔަވަޅުތަކެއް އެޅުއްވި، އަދި އޭގެ ސަބަބުން ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ނިންމުންތަކެއް ނިންމެވި ދެ އަހަރުގެ ގޮތުގަ އަދި ހަމަ އެއާއެކު އުމްރާނީ ގޮތުން ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލު ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކުރުމަށްޓަކައި ކުރަންޖެހޭ އެތައް ކަމެއް ކުރުމުގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރެވިގެންދިޔަ ދެއަހަރުގެ ގޮތުގައި ފާހަގަކުރެވުނީ" - ވަޒީރު އާދަމް ޝަރީފް ޢުމަރު 

ވަޒީރު ވިދާޅުވިގޮތުގައި ސަރުކާރުން މަސައްކަތްކުރީ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުން ބާރުވެރިކުރުވުމަށް، ރައްޔިތުންނާ ގާތުން ވެރިކަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ރައީސެއްގެ ގޮތުގައި މިދިޔަ ދެއަހަރު ވަރަށް ބޮޑަށް ފާހަގަކުރެވިގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ފާހަގަކުރެއްވި އެއްކަމަކީ، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އިންތިޚާބަކާ ނުލައި ކެމްޕޭންކުރުމެއް ނެތި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ރައްޔިތުންނާ ގާތުން ވަގުތު ހޭދަކުރައްވައި، ރައްޔިތުންގެ  ކަންކަމާ ދޭތެރޭ ދެކެވަޑައިގަންނަވާ ގޮތް އަޑުއެއްސެވުމެވެ.

"ޝައުގުވެރިކަމާއެކު އަޑުއައްސަވައި އަމިއްލަފުޅަށް ނޯޓުކުރައްވައި އެކަންކަމާ ގުޅިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅުއްވަމުން ގެންދެވިއިރު އަޅުގަނޑަށް ފާހަގަކުރެވުނީ ހިންގުމުގެ ދުވެލި ވަރަށް ބާރުވަމުން ދިޔަކަމަށް" ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ. 

އާދަމް ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޤައުމާ ޙަވާލުވެވަޑައިގަތީ، އިޤްތިޞާދު ވަރަށް ނާޒުކު ފައްތަރެއްގައި އޮއްވައި ކަމަށެވެ. އެހެންނަމަވެސް ޤައުމު މިހާރު އޮތް ޙާލަތަށް އައީ އެމަނިކުފާނުގެ ވިސްނުންފުޅާއެކު "އެއްގޮތަކުން ނުވީޔާ އަނެއްގޮތަކުން ވެސް ކަންކަން ކުރިއަށްގެންދެވޭނެ މަގު ހޯއްދަވައިގެން އެމަގު ކޮށްޓަވައިގެން" ކަމަށް ވަޒީރު ވިދާޅުވިއެވެ.  

ދެއަހަރާއެކު އުމްރާނީ މަސައްކަތްތަކުގެ ދުވެއްޔަށް ބެލިޔަސް ކާމިޔާބު ފެނިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ޒިންމާގެ ދަށުގައިވާ ވުޒާރާއިން ވެސް އަންނަނީ ތަރައްޤީގެ މުހިއްމު ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ރަށްތަކުގައި އިމާރާތްކުރަމުން އަންނަ 105 ކައުންސިލް އިދާރާއެވެ. އެ އިމާރާތްތަކުގެ އަމަލީ މަސައްކަތް ފަށައިގެން ބާރު ދުވެލީގައި ކުރިއަށް ދާކަމަށް ވަޒީރު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އޭގެއިތުރުން ރަށްތަކުގައި ކުޑަކުދިންގެ ޕާކުތައް ތަރައްޤީކުރުމާއެކު، ރަށްރަށަށް ބޭނުންވާ މުހިއްމު އެހެނިހެން ކަންކަމުގައި ވެސް އެ ވުޒާރާއިން އަންނަނީ މަޝްރޫޢުތައް ހިންގަމުންނެވެ. 

ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މިހާރު އޮތް ޙާލަތަށް ބަލައި، ކުރިއަށް އޮތް ތިން އަހަރަކީ ވަރަށް އުޖާލާ އަދި ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލުތައް އަންނާނެ ތިން އަހަރު ކަމަށެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވާނެކަމުގެ އުއްމީދާއި ޔަގީންކަން ފުރަތަމަ ދެއަހަރުން ލިބިގެންދިޔަކަމަށް ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު