ENGLISH
05 ޖުލައި 2025
އައްޑޫ ފަސްގަނޑުން ވެލި ނުނަގަން އެންގީ ލިންކް ރޯޑް ހަދަން ވެލި ބޭނުންވާނެތީ: މިނިސްޓަރު
01 ޑިސެމްބަރު 2024
|
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ހިއްކާފައިވާ ސަރަހައްދު
އައްޑު އަތޮޅުގައި ހިއްކި ސަރަހައްދުގައި އިތުރުވެފައިވާ ފަސްގަޑުގައި ހުރި ވެލި ނުނެގުމަށް އަންގާފައިވަނީ އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމަށް ގިނަ އަދަދެއްގެ ވެލި ބޭނުންވާނެތީ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތޮލިބް މިހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. މޭޔަރު ނިޒާރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ހަންކެޑެ ބްރިޖް އެޅުމަށް ހެދިފައިވާ ވަގުތީ ފަސްގަޑުގައި ހުރި ވެލި ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުންދަނިކޮށް، ކުރިން އެއްވެސް މަޝްވަރާއެއް ނުކޮށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެންޖިނިއަރުން ލައްވާ ސޮއިކުރުވައި އެ ވެލި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ މިނިސްޓްރީގެ ހުއްދަނެތި އެ ވެލި ބޭނުން ނުކުރުމަށް އެދުނީ އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމުގައި ގިނަ އަދަދަކަށް ވެލި ބޭނުންވެދާނެ ކަމަށް ފެންނާތީ ކަމަށެވެ. އަދި އައްޑޫ އަކީ ފަސޭހައިން ވެލި ނެގެން އޮތް ތަނަކަށް ނުވާތީ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިވަގުތު އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމަށްވުރެ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެ ވެލި ބޭނުންކުރަން ޖެހޭ އެހެން މުހިއްމު ކަމެއްވާނަމަ ކައުންސިލުން އެދުމުން އެ ވެލި ދޫކުރުމަށް މިނިސްޓްރީ އިން ދެކޮޅެއް ނުހަދާނެ ކަމަށެވެ.