ENGLISH

14 ނޮވެމްބަރު 2025

Advertisement

ހއ. އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫ އަށް

14 ނޮވެމްބަރު 2025

|

މުޙައްމަދު އަދުހަމް

ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ދިއްދޫ ޓީމު، ތައްޓާއެކު. ފޮޓޯ: އެފްއޭއެމް

ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ އުތުރު ރީޖަންގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫ އިން ހޯދައިފިއެވެ.

ދިއްދޫގައި އިއްޔެ ކުޅުނު މެޗުން އިހަވަންދޫ އަތުން 6-0 އިން މޮޅުވެ، ދިއްދޫން ކުރިހޯދީ 9-1 ގެ އެގްރިގޭޓުންނެވެ. މި ދެ ޓީމުގެ މެދުގައި މި މަހުގެ 9 ވަނަ ދުވަހު އިހަވަންދޫގައި ކުޅުނު މެޗުން ދިއްދޫ މޮޅުވީ 3-1 އިންނެވެ.

ދިއްދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ދިއްދޫން ޖެހި ހަ ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. ފަހު ހާފުގައި އެ ޓީމުން ފަސް ލަނޑުޖެހިއެވެ.

މެޗުގައި ދިއްދޫން ލީޑު ނެގީ 27 ވަނަ މިނެޓުގައި މުޙައްމަދު ނަައުޝާދުގެ ގޯލުންނެވެ. މި ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ. 

ދެވަނަ ހާފުގައި ދިއްދޫން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު، ކާމިޔާބުކޮށްދިނީ ތައުމީން ނޫހް އެވެ.

އެގޮތުން، މެޗުގެ 69 ވަނަ މިނެޓުގައި ތައުމީން ވަނީ ދިއްދޫގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އޭގެ ދެ މިނެޓު ފަހުން، އޭނާ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލައިފައެވެ.

މި މެޗުގައި ދިއްދޫން ޖެހި ހަތަރުވަނަ ލަނޑު، 74 ވަނަ މިނެޓުގައި ހުސައިން ޒިމްޔާން ކާމިޔާބުކޮށްދިންއިރު، އޭގެފަހުން މެޗުގެ 88 އާއި 94 ވަނަ މިނެޓުގައި ތައުމީން ވަނީ އިތުރު ދެ ލަނޑުޖަހައި، ދިއްދޫ އަށް ބޮޑު މޮޅަކާއެކު ޗެމްޕިއަންކަން ހޯދައިދީފައެވެ.

މި މޮޅާއެކު ނޯތު ރީޖަންގެ ޒޯން އެކެއްގެ ކޮލިފައިންގ ބުރަށް ހއ. އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގައި ދިއްދޫ ޖާގަ ހޯދިއިރު، މި މެޗުން ބަލިވި އިހަވަންދޫ ވަނީ އެ އަތޮޅުގެ ރަނަރަޕް ޓީމުގެ ގޮތުގައި މި ބުރުން ޖާގަ ހޯދާފައެވެ.

އެފްއޭއެމުން އެކުލަވާލި އާ ފޯމެޓާއެކު ފެށި މި ފަހަރުގެ އަތޮޅު މުބާރާތުގައި 49 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު