ENGLISH

13 ނޮވެމްބަރު 2025

Advertisement

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ޓީޓީގެ ޑަބަލްސް އިވެންޓުން ރަފާ އާއި ދީމާ އަށް ބްރޯންޒް މެޑެލް

13 ނޮވެމްބަރު 2025

|

މުޙައްމަދު އަދުހަމް

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އިއްޔެ ތުރުކީގެ ޕެއާއާ ދެކޮޅަށް ރާއްޖޭގެ ކުޅުންތެރިން ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އެމްއޯސީ

މިހާރު ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓްގައި ވާދަކުރި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީގެ ޕެއާ އިން ބްރޯންޒް މެޑަލް ހާސިލްކޮށްފި އެވެ.

ރިޔާދްގައި ކުރިއަށްދާ މި ފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުގައި ތުރުކީގެ އެއްވަނަ ޕެއާ ކަމަށްވާ، އެޗޭ ހަރާކް އަދި އޮޒްގީ ޔިލްމާޒް އަތުން ރާއްޖޭގެ ރަފާ އާއި ދީމާ ބަލިވުމާއެކު، އެ ދެ ކުޅުންތެރިންނަށް ލިބުނީ ތިންވަނަ މަގާމެވެ.

މި މެޗުން ތުރުކީގެ އެޗޭ ހަރާކް އަދި އޮޒްގީ ޔިލްމާޒްގެ ޕެއާ އަތުން ރަފާ އާއި ދީމާ ބަލިވީ 3-1 ސެޓުންނެވެ. މިގޭމްސްގައި އަންހެން ޑަބަލްސް މެޗްތަށް ކުރިއަށްދަނީ ބެސްޓް އޮފް ފައިވްއަށެވެ. މިމެޗްއަށް ނިކުތުމުގެ ކުރިން ތުރުކީގެ ޗެންޕިއަން އެޗޭ ހަރާކްއާ ދެކޮޅަށް ދީމާވަނީ ސިންގަލްސް އިވެންޓްގައި ވާދަކޮށްފައެވެ.

މި ފަހަރުގެ ގޭމްސްގެ އަންހެން ޑަބަލްސް އިވެންޓްގެ މެޗުގެ ފުރަތަމަ ސެޓު ފެށިގެން ކުރީކޮޅު ތުރުކީގެ އެއްވަނަ ޕެއާ އިން ލީޑުނަގާފައިވީނަމަވެސް، ދެ ޕޮއިންޓަށް ވުރެ ބޮޑު ލީޑެއް ނެގޭގޮތެއްނުވިއެވެ. ވާދަވެރި ބަލާހިތްވާ ކަހަލަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓުން ތުރުކީގެ ޕެއާ ކުރިހޯދީ 11-7 އިންނެވެ.

ދެވަަނަ ސެޓު ފަށައިގެން ކުރީކޮޅު، ދެ ޕެއާގެ ފަރާތުން ވެސް އެއްވަރު ކުޅުމެއް ފެނިގެންގޮސްފައިވީނަމަވެސް، މި ސެޓު ކުރިއަށްދިޔަ ވަރަކަށް ތުރުކީގެ އެއްވަނަ ޕެއާ އިން ލީޑު އިތުރަށް ފުޅާކުރަމުންގޮސް ކާމިޔާބުކުރީ 11-5 އިންނެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އިއްޔެ ތުރުކީގެ ޕެއާއާ ދެކޮޅަށް ރާއްޖޭގެ ރަފާ (ވ) އާއި ދީމާ ކުޅެނީ. ފޮޓޯ: އެމްއޯސީ

އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ސެޓުގައި އެންމެ ފުރަތަމަ ލީޑު ނެގީ ވެސް ރާއްޖޭގެ ރަފާ އާއި ދީމާގެ ޕެއާ އިންނެވެ. ނަމަވެސް، ތުރުކީގެ ޕެއާ އިން ކުޅުން ރަނގަޅުކޮށް، 3-3 އިން އެއްވަރުކުރިއެވެ. އޭގެފަހުން، ތުރުކީގެ ޕެއާ އަށް އިތުރު ފުރުޞަތެއްނުދީ ރަފާ އާއި ދީމާގެ ޕެއާ ވަނީ، ލީޑު ފުޅާކުރަމުންގޮސް، 11-7 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.

މެޗުގައި އިތުރަށް ކުރިއަށްދިއުމަށް މުހިއްމުވި ހަތަރުވަނަ ސެޓު ފެށިގެން ރަފާ އާއި ދީމާ ލީޑުގައި ކުޅެމުންދިޔަނަމަވެސް، ތުރުކީގެ ޕެއާ އިން ވަނީ ދޫނުދީ 5-5 އިން އެއްވަރުކޮށްފައެވެ. އެއަށްފަހު، ތުރުކީގެ އެއްވަނަ ޕެއާ އިން ވަނީ، ލީޑު ފުޅާކުރަމުންގޮސް 11-6 އިން މި ސެޓުގައި ކުރިހޯދައި، މެޗު ކާމިޔާބުކޮށްފައެވެ.

މި މަހުގެ 7 އިން ފެށިގެން 21 ގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭން ވާދަކުރަނީ، ހޭންޑްބޯޅަ އާއި އެތުލެޓިކްސްގެ އިތުރުން ފެތުމާއި ޓޭބަލް ޓެނިސްގެ އިވެންޓުގައެވެ.

ރާއްޖޭން އެންމެ ފަހުން ބައިވެރިވެފައިވަނީ 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައެވެ. އެ ފަހަރުގެ ގޭމްސްގައި ރާއްޖޭން ބައިވެރިވީ، ޓީޓީ އާއި ފެތުމުގެ އިތުރުން ބާސްކެޓްބޯޅަ ތުރީއޮންތުރީ އަދި އެތުލެޓިކްސް ގައެވެ. އެ އަހަރުގެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ ބްރޯންޒް މެޑެލް ހާސިލްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު