ENGLISH

04 ނޮވެމްބަރު 2025

Advertisement

ފުޓްބޯޅައިގެ އަލިމަސްޔޫބީލް ފާހަގަކުރުމަށް ފެސްޓިވަލްތަކެއް ބާއްވަނީ

04 ނޮވެމްބަރު 2025

|

މުޙައްމަދު އަދުހަމް

ފީފާގެ ރައީސްގެ ޝަރަފުގައި ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ފުޓްބޯޅަ އެގްޒިބިޝަން މެޗުތަކުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތަކަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ފެސްޓިވަލްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމުން ބުނީ، "ޑައިމަންޑް ޖުބިލީ" ގެ ނަމުގައި ބާއްވާ ފުރަތަމަ ފެސްޓިވަލް މި މަހުގެ 7 އަދި 8 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާފަންނު ޓާފް ދަނޑުގައެވެ.

މި ފެސްޓިވަލްގައި މާލޭގެ އެކަޑެމީތަކުން ގާތްގަނޑަކަށް 1500 އަށްވުރެ ގިނަ ކުދިން ބައިވެރިވާނެ ކަމަށް އެފްއޭއެމުން ބުނެއެވެ.

"މި ދެ ދުވަހުގެ ހަރަކާތުގައި އެކަޑެމީތަކުގެ މެޗުތަކާއި ވާދަވެރިކަމާއި އެކުވެރިކަމާއި ކުޅިވަރުގެ ރޫހާއި މުޖުތަމައުގެ އެއްބައިވަންތަކަން ކުރިއެރުމަށް ފަރުމާ (ކޮށްފައިވާ) ހަރަކާތްތައް ހިމެނޭ އެވެ." އެފްއޭމުން ނެރުނު ބަޔާނުގައިވެއެވެ.

އެފްއޭއެމުން ބުނީ، އަލިމަސްޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ކުރިއަށް އޮތް ތަނުގައި މި ފެސްޓިވަލް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާނެ ކަމަށެވެ.

ދިވެހި ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭވިފައިވާ ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ގޮތުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެފްއޭއެމުން ވަނީ، "ޑައިމަންޑް ޖުބިލީ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައިފައެވެ. މި ކޮމިޓީގެ ޗެއާޕާސަނަކަށް ހަމަޖައްސާފައިވަނީ، ތަޖުރިބާކާރު ކޯޗު، އަލީ ސުޒޭން އެވެ.

އޭގެފަހުން، މިދިޔަ މަހުގެ ތެރޭގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ކުރި ރަސްމީ ޒިޔާރަތުގައި ވަނީ، ފުޓްބޯޅައިގެ އަލިމަސްޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭނުންކުރާ ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ.

ރާއްޖޭގައި ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި 1950 ވަނަ އަހަރު ކަމަށެވެ. އެހެންކަމުން، ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، 2000 ވަނަ އަހަރު ވަނީ "ގޯލްޑެން ޖުބިލީ" ގެ ނަމުގައި އެ އަހަރު ފޯރިގަދަ ސަރަހައްދީ ފުޓްބޯޅަ މުބާރާތެއް ބާއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު