ENGLISH
25 އޮކްޓޯބަރު 2025
ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގުން: އިތުރު ތިން މީހަކު ހައްޔަރުކޮށްފި
25 އޮކްޓޯބަރު 2025
|
ސިނގިރޭޓް ވައްކަމާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރި މީހުން
އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ނޫރަލީގެ / ހދ.ވައިކަރަދޫ، އަޙްމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ.ހިތަދޫ، ޙުސައިން ސާމިޙު (35އ) އާއި ހ. ރުމޭނިޔާ / މާލެ، އަޙްމަދު ފިރުސާން (35އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާަޒިރު ކުރުމުން އަޙްމަދު ޝަހީމާއި ޙުސައިން ސާމިޙު 7 ދުވަހަށް ބަންދު ކުރުމަށް އަދި އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި ކުރިން ހައްޔަރުކުރި މުޙައްމަދު ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ހާޒިރު ކުރުމުން ޝައީޢަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލައާއި ގުޅިގެން މީގެ ކުރިން ހައްޔަރުކުރީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒު އަލީ އާއި، ދެ ވިޔަފާރިވެރިން ކަމުގައިވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއެކު ހދ. ވައިކަރަދޫއަށް ނިސްބަތްވާ ޒިވާރު އިސްމާއީލް އާއި ލިންކް / ކ.ތުލުސްދޫ، ހަސަން އަބްދުއްރަޙްމާން (52އ) އާއި ކެނެރީގެ / ނ.މިލަދޫ، އާދަމް ވަޙީދު (54އ) އެވެ.
ސިނގިރޭޓް ވައްކަމާ ގުޅިގެން ތިލަފުށީގައި މި މަހުގެ 19 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ ވަގަށް ނަގާފައިވާ ދެ ކޮއިންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްކުރާ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮއިންޓެއިނާ ސިނގިރޭޓް ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހު 9 ވަނަ ދުވަހު އެވެ.
ސިނގިރޭޓް ކޮންޓެއިނާތައް ވަގަށް ނެގި މައްސަލައާ ގުޅިގެން 12 މީހަކު ވަނީ ފުރުން މަނާކޮށްފަ އެވެ. އަދި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެ ކަމަކު، އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.