ENGLISH
25 އޮކްޓޯބަރު 2025
އިނގިރޭސިވިލާތުގެ ވާޖިން އެޓްލާންޓިކަށް އާ ޓާމިނަލުން ޚިދުމަތް ދޭން ފަށައިފި
25 އޮކްޓޯބަރު 2025
|
އާ ޓާމިނަލް ބޭނުންކުރަން ފެށި ވާޖިން އެޓްލާންޓިކް. ފޮޓޯ: އެމްއޭސީއެލް
އިނގިރޭސިވިލާތުގެ އެއާލައިން ވާޖިން އެޓްލާންޓިކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ޚިދުމަތް ދޭން ފަށައިފިއެވެ.
ވާޖިން އެޓްލާންޓިކަށް ޚިދުމަތް ދޭން ފެށީ ޓާމިނަލް އެކަކުންނެވެ. އެ އެއާލައިނަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުން އޮތީ މިއަދެވެ. އެގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ. މި ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ އެއާޕޯޓް މެނޭޖަރު އާސިމް ޝައިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވަނީ ވާޖިން އެޓްލާންޓިކްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 24 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި، ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓް ރާއްޖެ އައުމުން އެ ފްލައިޓުން ދަތުރުކުރި 258 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ.
އާ ޓާމިނަލް ބޭނުންކުރަން ފެށި އިނގިރޭސިވިލާތުގެ ފުރަތަމަ އެއާލައިންއަކީ ބްރިޓިޝް އެއާވޭސްއެވެ. އެގޮތުން ބްރިޓިޝް އެއާވޭސްގެ ދަތުރުތައް އާ ޓާމިނަލަށް ކުރަންފެށީ އޮކްޓޫބަރު 23 ވަނަ ދުވަހު އެވެ.
އާ ޓާމިނަލުން މިހާރު 14 އެއާލައިނަކަށް ވަނީ ޚިދުމަތްދޭން ފަށައިފައެވެ. އޭގެތެރޭގައި މަޝްހޫރު އެއާލައިންތައް ވެސް ހިމެނެއެވެ. އެމްއޭސީއެލްގެ އަމާޒަކީ އާ ޓާމިނަލުން އެއާލައިންތަކަށް ފުރުސަތުދީ މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.