ENGLISH

30 އޮކްޓޯބަރު 2025

Advertisement

ބްރިޓިޝް އެއާވޭސް އާއި ޗޮންޗިން އެއާލައިން އަށް އާ ޓާމިނަލުން ޚިދުމަތް ދޭން ފަށައިފި

24 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ބްރިޓިޝް އެއާވޭސް އާއި ޗައިނާގެ ޗޮންޗިން އެއާލައިނަށް ޚިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން ޗޮންޗިން އެއާލައިނަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑް ޑިރެކްޓަރު އިބްރާހިމް މަހުދީއެވެ.

މި ރަސްމިއްޔާތުގައި ވިލާ ޓްރެވަލްސްގެ އެއާޕޯޓް ސްޓޭޝަން މެނޭޖަރު މުހައްމަދު ފައްޔާޒު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗޮންޗިން އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 142 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޗޮންޗިން އެއާލައިންގެ ފުރަތަމަ މަތިންދާބޯޓް OQ2393 ރާއްޖެ އައި 79 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން، ޗައިނާ ސަދާން އެއާލައިންސްގެ ދަށުން ހިންގާ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 24 ޖޫން 2024 ގައެވެ.

ޓާމިނަލް 1 އިން ބްރިޓިޝް އެއާވޭސްއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބް އެވެ. މި ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ އެއާޕޯޓް މެނޭޖަރު މުހައްމަދު ނިހާން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 126 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބްރިޓިޝް އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓް BA061 އިން ރާއްޖެ އައި 122 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ބްރިޓިޝް އެއާވޭސްއަކީ އިނގިރޭސި ވިލާތުގެ ގައުމީ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ 26 އޮކްޓޫބަރު 2009 ގައެވެ.

ބްރިޓިޝް އެއާވޭސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 13 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އަދި ބްރިޓިޝް އެއާވޭސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫރަޕުގެ ފުރަތަމަ އެއާލައިނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު