ENGLISH
23 އޮކްޓޯބަރު 2025
ސަރުވަޝަށް މުހުތާޒުގެ ވަރުގަދަ ސުވާލެއް؛ ކުރީ ސަރުކާރުން ބޮޑެތި ގޯސްތައް ހެދިއިރު ފިޑޫޝިއަރީ ޒިންމާ ނެތީތޯ؟
23 އޮކްޓޯބަރު 2025
|
މުހުތާޒު މުހުސިން، ފޮޓޯ: ރައީސް އޮފީސް
އެމްޑީޕީގެ ވެރިކަމުގައި މާލީ ބޮޑެތި ގޯސްތައް ހެދިއިރު ބަޖެޓު ތަންފީޒުކުރުމުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އަހްމަދު ސަރުވަޝް އާދަމްގެ ފިޑޫޝިއަރީ ޒިންމާއެއް އެއިރު ނެތީތޯ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ނައިބު ސަަފީރު މުހުތާޒު މުހުސިން ސުވާލު ކުރައްވައިފިއެވެ.
މިފަދައިން އޭނާ ސުވާލުކުރެއްވީ ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުކަމުން އިސްތުއުފާދެއްވައި ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރުގެ ބޮންޑަކަށް އެމްއެމްއޭއިން އިންވެސްޓުކުރުމަކީ ފިޑޫޝިއަރީ ޒިންމާއާ ހިލާފު ކަމެއް ކަމުގައި ވިދާޅުވެ ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުކަމުން ސަރުވަޝް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ސަރުވަޝްއަކީ އެމްޑީޕީގެ ފާއިތުވި ސަރުކާރުގައި ބަޖެޓު އެކްޒެކެޓިވްގެ ހައިސިއްޔަތުން މާލީ ވުޒާރާގައި ބަޖެޓު އެކުލަވައިލުމާއި ތަންފީޒުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅާއެވެ. މުހުތާޒުވެސް ފާހަގަކުރެއްވި ގޮތުގައި ސަރުވަޝް އެއިރު ހުންނެވީ މާލީ ވުޒާރާގައި ދައުލަތުގެ މާލީ ސިޔާސަތު އެކަށައެޅުމުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައެވެ.
ސަރުވަޝްގެ އިސްތިއުފާއާ ގުޅިގެން އޭނާއާ ސުވާލުތަކެއް ކުރިމަތިކުރައްވަމުން މުހުތާޒު ވިދާޅުވީ ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ގާނޫނުގައި ބަޔާންކުރާ އިސްތިސާނާއީ ހާލަތު ވުޖޫދުގައި އޮތްކަމަށް ބަލައި ފައިސާ ޗާޕުކުރުމަކީ އުސޫލާ ހިލާފަށް ކުރި ކަމެއް ކަމުގައި ބުނެވެން ނެތް ނަމަވެސް، އޭގެ ފަހުން 2022 އާއި 2023 ގައި ފައިސާ ޗާޕުކުރި ކުރުމާމެދު ސުވާލުތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން 022 ވަނަ އަހަރު އަދި 2023 ވަނަ އަހަރު ކޮންމެ އަހަރަކު ދެ ބިލިއަން ރުފިޔާ ޗާޕުކޮށް އިގުތިސާދަށް ނެރެ، ހަތަރު އަހަރު ތެރޭ އަށް ބިލިއަން ރުފިޔާ ޗާޕުކޮށް އިގުތިސާދުގެ ތެރެއްަށް ދޫކޮށްލެވުނުއިރުގައި ދިވެހި ރުފިޔާގެ ސަޕްލަައި އިތުރުނުވަނީތޯ މުހުތާޒު ސުވާލުކުރެއްވިއެވެ.
އިތުރަށް މުހުތާޒު ކުރެއްވި ސުވާލަކީ، އެގޮތަށް ފައިސާ ޗާޕުކޮށް އިގުތިސާދަށް ނެރުމުގައި އެކަމުގެ ސަބަބުން އިގުތިސާދަށް ކުރިމަތިވާނެ މައިކްރޯ އިކޮނޮމިކް ހިރާސްތަކަށް ރިއާޔަތްކުރެވިފައިވޭތޯއެވެ. އަދި މާލީ ވުޒާރާގެ ބޮޑު ކޭޝިއަރުކަމުގައި ސަރުވަޝް ހުންނަވައިގެން. ދައުލަުގެ މާލީ ތަނަވަސްކަން ނެތް ހާލަތެއްކަން އެނގިވަޑައިގެން ހުންނަވައިމެ، ޗާޕުކުރި ފައިސާ ދައުލަތުގެ ކުންފުނިތަކަށް ދޫކުރަމުންދިޔައިރު ފިޑޫޝިއަރީ ޒިންމާއެއް ނެތީތޯވެސް އޭނާ ސުވާލުކުރެއްވިއެވެ.
ކޯޓުގެ ހުކުމެއް ނެތި ސެޓްލްމެންޓު ކޮމިޓީއާއި، އޮމްބަޑްސްޕާސަން އޮފީހުން ބަދަލުގެ ގޮތުގައި ފައިސާ ދޭން ނިންމާ ދުވަހު ފިނޭންސް މިނިސްޓްރީން ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރެވުނުއިރު ފިޑޫޝިއަރީ ޒިންމާ ކޮބައިތޯ މުހުތާޒުވަނީ ސުވާލު ކުރައްވާފައެވެ.
"ނިމިދިޔަ ވެރިކަމުގައި މާލީވުޒާރާގެ ވެރިންގެ އެގުމާއި ބެލުމުގެ ދަށުން އެތަކެއް މާލީ ވައްކަމާއި، މަނީލޯންޑަރިންގ އަށް ތުހުމަތުކުރެވޭ މުއާމަލާތްތަށް ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަށް މެދުވެރިކޮށް ހިންގުނު އިރު ފިޑޫޝިއަރީ ޑިއުޓީ ނެތީތޯ؟،" މުހުތާޒު ސުވާލުކުރެއްވިއެވެ.
އިތުރަށް މުހުތާޒު ފާހަގަކުރެއްވީ ރިޔާސީ އިންތިހާބު ނިމުމަށްފަހު، އެއިރުގެ އިންތިހާބީ ރައީސް ހުވައިކުރެއްވުމުގެ ކުރިން އެ ލިބުނު ކުރު މުއްދަތުގައި އަލަށް ގިނަ މަޝްރޫއުތަކެއް ކުންފުނިތަކާ ހަވާލުކޮށް އެޑްވާންސް ފައިސާ ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ކަމެވެ. އެއާއެކު އެގޮތަށް އަމަލުކުރިއިރު ސަރުވަޝްގެ ފިޑޫޝަރީ ޒިންމާއެއް ނެތީތޯވެސް އޭނާ ސުވާލުކުރެއްވިއެވެ.
މުހުތާޒު އިތުރަށް ވިދާޅުވީ ސިޔާސީ އަދި ވަކިބައެއްގެ އަމިއްލަ މަންފާ ހާސިލުކުރުވުމަށްޓަކައި އުސޫލުންބޭރުން ހިންގާފައިވާ ބޭކާރު ޚަރަދުތަކުގެ ސަބަބުން ދައުލަތް ދަރަނިވެރިވެ، އެތަކެއް ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކޮށްފައިވާ ވަގުތެއްގައި، އެކަން ހަމަމަގަށް އަޅުވާ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ފެށުމުން، އެކަމަށް ހުރަސްއަޅާ ހަޤީޤަތް އޮޅުވާލުމުގެ އަމަލުތައް ހިންގުމަކީ ގައުމަށާއި ދިވެހި ރައްޔިތުންނަށް ދެވޭ ބޮޑުދެރައެއް ކަމަށެވެ.