ENGLISH

03 ފެބްރުއަރީ 2026

Advertisement

ދައުލަތުގެ މާލީ ހިސާބުތަކުން؛ ދަރަނި އަދާކުރުމުގެ ހަރަދު ބޮޑުތަނުން އިތުރުވިޔަސް، ޖުމްލަ ހަރަދު 5 ބިލިއަނުން ދަށްކޮށްފި

23 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް މި ސަރުކާރުން ހަރަދުކުރަންޖެހުނު މިންވަރު ވަރަށް ބޮޑަށް އިތުރުވި ނަމަވެސް، ސަރުކާރުގެ ޖުމްލަ ހަރަދުތައް ނިމުނު އަހަރަށްވުރެ ފަސް ބިލިއަނެއްހައި ރުފިޔާ ކުޑަކޮށްފައިވާކަން މާލީ ހިސާބުތަކުން ދައްކަައިފިއެވެ. 

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާއްމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޖަނަވަރީ އެކަކުން ފެށިގެން އޮކްޓޯބަރު 16 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރަށްވުރެ ދެ ބިލިއަނެއްހައި ރުފިޔާއިން އިތުރުވެފައިވެއެވެ. 

މާލީ ހިސާބުތައް ދައްކާ ގޮތުން ނިމުނު އަހަރުގެ އެ މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 28.2 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ އެ މުއްދަތުގައި 30.6 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ 2.3 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި އެއީ އިންސައްތައިން ބަލާނަމަ 8.4 އިންސައްތައިގެ އިތުރުވުމެކެވެ. 

ދައުލަތުގެ ޖުމްލަ އާމްދަނީ އިތުރުވިއިރު ދައުލަތުގެ ޖުމްލަ ހަރަދުތައް ނިމުނު އަހަރަށްވުރެ ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމުނު އަހަރުގެ އެ މުއްދަތުގައި 35.9 ބިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރު ހަރަދުވީ 30.4 ބިލިއަން ރުފިޔާއެވެ. 

އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި ހިނގި ހަރަދުތައް ނިމުނު އަހަރާ އަޅާބަލާއިރު 5.5 ބިލިއަން ރުފިޔާއިން ދަށްކުރެވިފައިވެއެވެ. އެއީ އަހަރުން އަހަރަށް ބަލާނަމަ 15.2 އިންސައްތައިގެ ދަށްވުމެކެވެ. 

ޖުމްލަ ހަރަދު ދަށްކުރެވިފައިވީ ނަމަވެސް ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރި ހަރަަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމުނު އަހަރުގެ އެ މުހުލަތުގައި ލޯނު އަނބުރާ ދެއްކުމަށް ހަރަދުވީ ދެ ބިލިއަން ރުފިޔާއެވެ. މި އަހަރު 4.4 ބިލިއަން ރުފިޔާ ލޯނު ދެއްކުމަށް ހަރަދުވިއެވެ. އަދި އިންޓަރެސްޓާއި ފައިނޭންސިން ހަރަދުގެ ގޮތުގައި ނިމުނު އަހަރާއި މި އަހަރުވެސް 3.9 ބިލިއަން ރުފިޔާ ހަރަދުވިއެވެ. މި އަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމުގެ ހަރަދުގެ ގޮތުގައި 8.3 ބިލިއަން ރުފިޔާ ހަރަދުވިއިރު ނިމުނު އަހަރު ހަރަަދުވީ 5.9 ބިލިއަން ރުފިޔާއެވެ. 

ދައުލަތުން ލޯނު އަނބުރާ ދެއްކުމަށް ކުރި ހަރަދު ނުހިމަނައި ދައުލަތުގެ ހަރަދުތައް ހިސާބުކުރުމުން 4.1 ބިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެއެވެ. އަދި ދަރަނި އަދާކުރުމުގެ ހަރަދުތައް ހިމަނައިގެން ދައުލަތުގެ ހަރަދުތައް ހިސާބުކުރި ނަމަވެސް މިހާތަނަށް ބަޖެޓު ދަރަނިވެރިނުވެ 186.7 މިލިއަން ރުފިޔާއިން އަރަނިވެފައިވެއެވެ. 

ނިމުނު އަހަރުގެ މި މުއްދަތުގައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކުރީ 1.1 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ އެ މުއްދަތުގައި 1.6 ބިލިއަން ރުފިޔާ ޖަމާކުރިއެވެ. 

ދަރަނި އަދާކުރުމުގެ ހަރަދުތައް އަހަރުން އަހަަރަށް އިތުރުވި ނަމަވެސް ދައުލަތުގެ ހަރަދުތައް ލިބޭ އާމްދަނީއަށްވުރެ އިތުރުވިޔަނުދީ ހިފަހެއްޓުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާއިރު، ބަޖެޓު އަރަނީގައި ހިންގަމުން އައުމުގެ ނަތީޖާއަކީ ދައުލަތުގެ ދަރަނި އިތުރަށް ބޮޑުނުވެ ދެމެހެއްޓެނެވި މިންގަނޑެއްގަައި ހިފަހެއްޓުމެވެެ. 

ކިޔުންތެރިންގެ ހިޔާލު