ENGLISH
24 އޮކްޓޯބަރު 2025
ދިގު އިންތިޒާރަކަށް ނިމުން، ކަލައިދޫ - ދަނބިދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފަށައިފި
22 އޮކްޓޯބަރު 2025
|
ކަލައިދޫ - ދަނބިދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ: ރައީސް އޮފީސް
ލ. ކަލައިދޫ އާއި ދަނބިދޫ އަދި އިސްދޫ އެއްފަސްވެގެންދާނެ ކޯޒްވޭ އެޅުމަށް އެރަށްތަކުން އެދޭތާ އަހަރުތަކެއް ފަހުން، މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ކަލައިދޫ - ދަނބިދޫ ގުޅާލާ ކޯޒްވޭގެ މަސައްކަތް ރަސްމީކޮށް ފެށީ ހައްދުންމަތީގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ކަލައިދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަރިހުގައި އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢު އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ އަދި ކަލައިދޫ، ދަނބިދޫ އަދި އިސްދޫ ކައުންސިލްގެ ރައީސުން ބައިވެރިވަޑައިގެންނެވިއެވެ.
ކަލައިދޫ އާއި ދަނބިދޫގެ ކޯޒްވޭގެ މަސައްކަތްކުރަނީ އެމްޓީސީސީންނެވެ.
ލ. ކަލައިދޫއާއި ދަނބިދޫއާ ދެމެދު 3000-3500 އެއްހާ ފޫޓުގެ ދުރުމިނެއް އޮވެއެވެ. އެ ދެރަށް ގުޅާލުމަށް އެދި ދަނބިދޫ ކައުންސިލުން ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް ހުށަހަޅާފައެވެ. ކޯޒްވޭ އެޅުމަށް އެ އަހަރުގެ ބަޖެޓުގައި ހިމެނި ނަމަވެސް ޢަމަލީ އެއްވެސް މަސައްކަތެއް ނުފެށުނެވެ. އެމަސައްކަތް ލަސްވެ، އެއްވެސް ކުރިއެރުމެއް ނުލިބުމުން ކައުންސިލްތަކުން އެކަމުގެ ކަންބޮޑުވުން ދިޔައީ ފާޅުކުރަމުންނެވެ.
ކޯޒްވޭއަކުން ގުޅާލުމުން ކަލައިދޫ ދަނބިދޫ އަދި އިސްދޫގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ކަލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަތުރުފުޅުގައި މިއަދު ވަނީ ކަލައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ފަށައިފައެވެ. އެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
އިސްދޫ - ކަލައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ބޭއްވެވި ރަސްމިއްޔާތުގައި މިއަދު ވަނީ ކަލައިދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެ މަސައްކަތާ ޙަވާލުވީ އެމްޓީސީސީންނެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި 11 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޑައިގެންފައެވެ.