ENGLISH

03 ފެބްރުއަރީ 2026

Advertisement

އިސްދޫ ކަލައިދޫގެ ނަރުދަމާ އަލުން ހަދައިދޭނަން: ރައީސް

22 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

އިސްދޫ ކަލައިދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދެންނެވުން، ފޮޓޯ: ރައީސް އޮފީސް

އިސްދޫއާއި ކަލައިދޫގައި މިހާރު އޮތް ނަރުދަމާގެ ނިޒާމު އަލުން ގާއިމުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ ލ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އިސްދޫ ކަލައިދޫއަށް ކުރެއްވި ޒިޔާރަތުގައި އެ ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަައި ދެއްކެވި ވާހަކަަފުޅުގައެވެ. ރައީސް ވިދާޅުވީ އަހަރުތަކެއް ކުރިން އެ ދާއިރާގެ ބައެއް ރަށްރަށުގައި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި އޮތް ނަމަވެސް އެ ނިޒާމުތަކުގައި ހުރި މައްސަލަތަކަކީ ކުދިކުދި މަރާމާތުން ހައްލުކުރެވޭ ޒާތުގެ މައްސަލަތަކެއް ނޫން ކަމަށެވެ. 

"ސަރުކާރުގެ ވިސްނުމަކީ މިނިޒާމު ގާއިމުކޮށްފައި މިއޮތް ތިން ރަށުގައިވެސް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުރިހަމަ ރަނގަޅު ނަރުދަމާގެ ނިޒާމެއް ގާއިމުކުރުން. އެއީ އަޅުގަނޑު ހިތުން މިކަމުގެ ފުރިހަމަ ހައްލަކީ،" ރައީސް ވިދާޅުވިއެވެ. 

އިތުރަށް ރައީސް ވިދާޅުވީ އެ ދެ ރަށުގެ މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދެވެން އޮތީ ނަރުދަމާގެ މައްސަލަ ހައްލުކޮށްގެން ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރާނީ ނަރުދަމާގެ މައްސަލަ ހައްލުކުރުމާއެކު މަަގު ހެދުމުގެ މަސައްކަތް ކުރުމަށް ނުވަތަ ދެ މަސައްކަަތް އެކުއެކީ ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

ދަނބިދޫއާއި އިސްދޫ ކަލަައިދޫ ގުޅުވައިލުމުގެ މަޝްރޫއަކީ ކުރިންވެސް އެކި ސަރުކާރުތަކުގައި އެއްބަސްވުން ހަދައި އެއްވެސް ގޮތަކަށް ކުރިއަށްނުގެންދެވި މަޑުޖެހިފައި އޮތް މަޝްރޫއެއްކަަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދިޔައިރު އެ މަސައްކަތް ހަލުއިކަމާއެކު މަޑުނުޖެހި ކުރިއަށްގެންގޮސް ނިންމައިލެވޭނެ ކަމަށެވެ. 

އޭގެ އިތުރަށް ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް މި މަސް ތެރޭ ހަވާލުކުރެވޭނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މި އަހަރު އަމަލީ މަސައްކަތް ފެށޭ އެ ހޮސްޕިޓާ ތަރައްގީކުރާނީ ދެ ރަށުގެ ރައްޔިތުންނަށްވެސް ފަސޭހައި ބޭނުންކުރެވޭނެ ސަރަހައްދެއްގައި ކަމަށެވެ. 

ހޮސްޕިޓަލު ނިމުމާ ހަމައަށްވެސް ދެ ރަށުގައި ހުރި ސިއްހީ މަރުކަޒުތައް ތަރައްގީކުރުމަށް މަސައްކަތްކުރަމުންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދި ރަށު ސްކޫލުތަކަށް ބޭނުންވާ ކްލާސް ރޫމުތައް އަޅައިދިނުން ފަދަ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިދެއްވާނެ ކަމަށާއި، މި އަހަރު ފެށެން ހުރި މަސައްކަތްތައް މި އަހަރުވެސް ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ވޮލީ ކޯޓާއި، ފުޓްސަލް ދަނޑާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ދުވާ ޓްރެކު ފަދަ ކުޅިވަރު ދާއިރާގެ ވަސީލަތްތައް ގާއިިމުކުރުމުގެ މަސައްކަތްތައް އަންނަ އަހަރު އެ ދެ ރަށުގައި ކުރިއަށްދާނެ ކަމުގައި ވިދާޅުވިއެވެ. 

އަދި އެ ރަށްތަކަށް ބޭނުންވާ ޖަނަރޭޓަރުތައް ގެނެސް މިހާރު އަޅަމުންދާ އިންޖީނުގޭގެ މަސައްކަތް ނިންމުމުގެ މަސައްކަތްވެސް އަންނަ އަހަރު ކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު