ENGLISH

03 ފެބްރުއަރީ 2026

Advertisement

ސިނގިރޭޓް ވައްކަން: ދެ ކޮންޓެއިނަރުގެ ބައިތައް ހޯދައި އިތުރު މީހަކު ހައްޔަރުކޮށްފި

22 އޮކްޓޯބަރު 2025

|

ހަސަން އާމިރު

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި އެ ކޮންޓެއިނަރުތަކުގެ ބައިތައް ކ. ތިލަފުށިން ހޯދައި، އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅިގެން އިތުރު މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ކ. ތުލުސްދޫ، ލިންކު، އުމުރުން 52 އަހަރުގެ ޙަސަން ޢަބްދުއްރަޙްމާން އެވެ. އަދި ޙަސަން ޢަބްދުއްރަޙްމާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސިނގިރޭޓް ވައްކަމާ ގުޅިގެން ތިލަފުށީގައި މި މަހުގެ 19 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ ވަގަށް ނަގާފައިވާ ދެ ކޮއިންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތްކުރާ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮއިންޓެއިނާ ސިނގިރޭޓް ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހު 9 ވަނަ ދުވަހު އެވެ. އެ މައްސަލައާ ގުޅިގެން މީގެ ކުރިން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.

އެއީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ކުންފުނީގެ ވެރިޔާ އުމުރުން 65 އަހަރުގެ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް، 61 (އާއްޓޭ) ގެ އިތުރުން ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް، 40، އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓު މުއާޒު އަލީ، 48، އެވެ.

ސިނގިރޭޓް ކޮންޓެއިނާތައް ވަގަށް ނެގި މައްސަލައާ ގުޅިގެން 12 މީހަކު ވަނީ ފުރުން މަނާކޮށްފަ އެވެ. އަދި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެ ކަމަކު، އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު