ENGLISH
22 އޮކްޓޯބަރު 2025
ޑރ.ޝަހީމު ހާމަކޮށްދެއްވީ ހަގީގަތް؛ އެމްޑީޕީއަށް ހަޖަމުނުކުރެވުނު!
22 އޮކްޓޯބަރު 2025
|
މިއަދުގެ މަޖިލިސް ޖަލްސާގައި ޑރ.ޝަހީމު މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ
ދައުލަތުން ކުންފުނިތަކާ ހަވާލުކޮށްފައި ހުރި މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް މަޑުޖެހިގެން އުޅޭ ސަބަބު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ބަޔާންކޮށްދެއްވުމުން އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް އެކަން ހަޖަމްނުކުރެއްވި، މަޖިލީހުގެ ނިޒާމު ނަގާލައްވައި ހަމަނުޖެހުން ހިންގަވައިފިއެވެ.
ވަޒީރާ ސުވާލުކުރަން މަޖިލީހަށް ހާޒިރުކުރުމަށްފަހު އިތުރު ސުވާލުކުރުމުގެ ވަގުތުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލުވަނީ އެމްޑީޕީގެ ވެރިކަމުގައި ހިތަދޫގައި އަޅަންފެށި އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްނުގޮސް މަޑުޖެހިފައިވަނީ އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ ކަމަަށް ކޮންޓްރެކްޓަރު ބުނެފައިވާކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ގޮތުން ވަޒީރާ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޑރ.ޝަހީމު ވިދާޅުވީ ހިތަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ފައިސާ ނުދީ ހުރިކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި އެ ކުުންފުންޏަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިނިސްޓްރީން ދައްކާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޑރ.ޝަހީމު އިތުރަށް ވިދާޅުވީ ސަރުކާރުން އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ މަސައްކަތްތައް މަޑުޖެހި ކުރިއަށްނުދަނީ ފައިސާ ދޫނުކުރާތީ ނޫންކަމަށާއި، ނަމަވެސް ކުރީ ސަރުކާރުން ކެޕޭސިޓީ ނެތް ކުންފުނިތަކާ މަސައްކަތް ހަވާލުކުރުމުގެ ސަބަބު ކަމަށެވެ.
ވަޒީރުގެ ޖަވާބު އެހިސާބަށް ދިއުމާއެކު، އިދިކޮޅު އެމްޑީޕީ މެންބަރުން އަޑުގަދަކުރައްވައި މަޖިލީހުގެ ނިޒާމު ނަންގަވައިލެއްވުމުން ޑރ.ޝަހީމުވަނީ ސުވާލުކުރެއްވުމަށްފަަހު ދެއްވާ ޖަވާބު އަޑުއެއްސެވުމަށް އެމްޑީޕީގެ މެންބަރުންނަށް އިލްތިމާސްކުރައްވާފައެވެ.
މިނިސްޓަރު އިތުރަށް ޖަވާބު ފުރިހަމަކުރައްވަމުން ވިދާޅުވީ ފާއިތުވި ސަރުކާރުގައި އިސްލާމިކް މިނިސްޓްރީން އެކި ކުންފުނިތައް ލައްވައި މަސައްކަތް ކުރުވާފައި ހުރީ މުޅިންވެސް ފައިސާ ނުދީ ކަމަށެވެ. އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދީ ހަލާސްކުރީ މި ސަރުކާރުން ކަމަށްވެސް ޑރ.ޝަހީމު ވިދާޅުވިއެވެ.
އެގޮތުން ކުރީ ސަރުކާރުން މަޝްރޫއުތައް ހިންގަން ހަވާލުކުރުމަށްފަހު ނުދީ ހުރި 170 މިލިއަން ރުފިޔާ މި ސަރުކާރުން ދައްކައި ހަލާސްކޮށްފައިވާކަން ފާހަގަކުރައްވަމުން ޑރ.ޝަހީމު ވިދާޅުވީ އިދިކޮޅު އެމްޑީޕީ މެންބަރުން މަޖިލީހުގައި މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުވައިގެން ދައްކަވާ ވާހަކަފުޅަކީ ދޮގު ވާހަކަތަކެއް ކަމަަށެވެ.
އަދި މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވިއިރު އިސްލާމިކް މިނިސްޓްރީގެ ދަރަނީގެ ގޮތުގައި 50 މިލިއަން ރުފިޔާ އޮތްކަން ފާހަގަކުރައްވަމުން ޑރ.ޝަހީމު ވިދާޅުވީ މި ސަރުކާރުން މިހާރު އެހުރިހާ ފައިސާއެއްވެސް ދައްކަައި ހަލާސްކޮށްފައިވާ ކަމަށެވެ.
ޑރ.ޝަހީމުގެ މި ޖަވާބާއެކު ތަޅުމުގައި ތިއްބެވި އެމްޑީޕީ މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވިއެވެ. އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ނާޒިލު ހުންނެވީ ވަޒީރު އިށީނދެވަޑައިގެން އިންނެވި ގޮނޑިކޮޅު ކައިރިއަށް ވަޑައިގެން ޑރ.ޝަހީމު ކުރިފުޅުމަތީ ހަޅޭއްލައްވާށެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުވެސް މިނިސްޓަރު ކުރިފުޅުމައްޗަށް ވަޑައިގެން އަޑުގަދަކުރެއްވިއެވެ.