ENGLISH
22 އޮކްޓޯބަރު 2025
ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ތަރައްޤީކުރަން ބައިސަންއަށް
22 އޮކްޓޯބަރު 2025
|
ހައްދުންމަތީ ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު, ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވަނީ އެ މަޝްރޫޢު ކުންފުންޏަކާއި ހަވާލުކޮށްފަ އެވެ.
ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ އެވެ. އެކަމުގެ އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ އާއި އެ ކުންފުންޏާއި ދެމެދު ވަނީ ސޮއިކޮށްފަ އެވެ.
ދިވެހިރާއްޖޭގައި އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާކުރެވިފައި ނެތް އަތޮޅުތަކުގައި ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ޕްލޭނަށް އިޝާރާތް ކުރައްވަމުން ރައީސް މުޢިއްަޒު ވަނީ، މިރޭ ސޮއިކުރި، ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުންވެސް، އެ އަތޮޅުގައި ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތައް އެކި މަރުޙަލާތަކުގައި ކުރައްވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ ރިޔާސީ ބައެއް ވަޢުދުތަކާ ގުޅުންހުރި މަސައްކަތްތަކުގެ އެކި މަރުޙަލާތައް ވެސް ލ.ގަމުގައި ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މިއަދު ވަނީ، ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވާފަ އެވެ. އަދި ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި، ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ލ. ގަމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމާއި، ގަން ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ލ. ގަމުގައި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރެއްވުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ލ. ގަމުގެ އުތުރު ފަރާތުގައި ޤާއިމުކުރާ އައު ބަނދަރު މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭ ވަނީ ސޮއިކުރައްވާފައެވެ. އަދި ދާދި އަވަހަށް، ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއް ޤާއިމުކުރައްވައި، ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި މުޅި އަތޮޅަށް އާރް.ޓީ.އެލް ޚިދުމަތް ފުޅާވެގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.
އެ ރަށުގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރެއްވުމާއި، ސްކޫލަށް ބޭނުންވާ ބިނާރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށް ގެންދަވާނޭކަމަށް ވެސް އެރަށުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވި އެވެ