ENGLISH
22 އޮކްޓޯބަރު 2025
ތެލެސީމިއާ ކުދީންނަށް އެލަވަންސް ދިނުމަށް 11.7 މިލިއަން ރުފިޔާ، އަންނަ އަހަރު ދޭން ފަށާނެ
21 އޮކްޓޯބަރު 2025
|
ރައީސް ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުން --
ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ތެލެސީމިއާ ކުދީންނަށް އަންނަ އަހަރުން ފެށިގެން މަހު އެލަވަންސް ދެއްވަން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
ހައްދުންމަތީ ގަމު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތެލެސީމިއާ ކުދީންނަށް އެލަވަންސްއެއް ދެއްވުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއް ކަމަށެވެ.
އެގޮތުން އެކަމަށް އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ތެލެސީމިއާ ކުދީންނަށް އެލަވަންސް ދިނުމަށް ޖުމްލަ 11.7 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ. އެއީ ކޮންމެ ކުއްޖަކަށް މަހަކު 1,000 ރުފިޔާ އެވެ.
މިވަގުތު ތެލެސީމިއާ ކުދީންގެ އަދަދަކީ 982 ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އެލަވަންސްއާއެކު މިހާރު ލިބެމުންދާ ފަރުވާ އަދިވެސް އިތުރަށް ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރަައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތެލެސީމިއާ އާއިލާތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާ ވަރަށް ގިނަ މައްސަލަތައް ހައްލުކޮށް ދެއްވާފަ އެވެ. އެންމެ ޚާއްސަ ކަމަކީ ތެލެސީމިއާ ސެންޓަރަށް އައު އިމާރާތެއް ދެއްވުމެވެ. އެއީ ހުޅުމާލޭގެ އޮރެންޖް ހިޔާ އެވެ.
އެތަނަކީ ޖާގަ ތަނަވަސް ވަސީލަތްތައް ޤާއިމުކޮށްފައިވާ ތަނެކެެވެ. މީގެ އިތުރުން ޚިދުމަތްދޭ ވަގުތު އިތުރުކޮށް ތެލެސީމިއާ ސެންޓަރުގެ ހިންގުން ހަރުދަނާ ކުރުމަށް އެތަން ވަނީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލިޓީސްގެ ދަށަށް ބަދަލު ކުރައްވާފަ އެވެ.