ENGLISH

22 އޮކްޓޯބަރު 2025

Advertisement

ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް އޮތް ތަނުގައި އަމިއްލަ ކުންފުނިތަކާ ހަވާލުކުރާނަން: ރައީސް

21 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ގަމު ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ހިންގާ ތަރައްގީގެ ގިނަ މަަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. 

ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ސަރުކާރުން ހިންގަން ނިންމާފައިވާ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރާނެ ކަމަށެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށް އެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ އެ ކުންފުނިތަކަށް ދޫކުރަން ފެށުމުން އާއްމުންނަށް އެކަމުން މަންފާކޮށް ތަނަވަސްކަން ފެތުރިގެންދާނެ ކަމަށާއި، ރާއްޖޭގެ އިގުތިސާދު އިހުނަށްވުރެ ފުޅާަވާނެ ކަމށެވެ. 

"އެކިއެކި ކުދި އަދި މެދު ފަންތީގެ ކުންފުނިތައް އަދި ބޮޑެތި ބައެއް ކުންފުނިތަކަށް ވެސް ސަރުކާރުގެ އެކި ކަހަލަ، އަޅުގަނޑު ވައުދުވެފައިވާ އެތައް މަޝްރޫއުތަކެއް އޭގެ ތެރޭގައި ސްކޫލްތަކާއި ހެލްތު ސެންޓަރުތަކާއި މިސްކިތްތަކާ މިހެން ގޮސް އެތައް ތަނެއް އެބަ ހަވާލުކުރަން،" ރައީސް ވިދާޅުވިއެވެ. 

ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުން އެކި ކުންފުނިތައް ލައްވައި މަސައްކަތްކުރުވުމަށްފަހު ފައިސާ ނުދައްކައި ހުރި ބިލުތަކުގެ އަގު ނުވަ ބިލިއަނަށް އަރައެވެ. އެމަނިކުފާނުވަނީ އެ ބިލުތަކުން ފައިސާ ނުދެއްކި ހުރި ބިލުތައް ހިމެނޭ ގޮތަށް ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ފަސް ހަފުތާ ތެރޭގައި ދައްކައި ހަލާސްކޮށް ނިންމާނެކަން އިއުލާނުކުރައްވާފައެވެ. 

މިރޭ ގަމުގައި ދެއްކެވި ވާހަކަފުޅުގައިވެސް ރައީސް ވިދާޅުވީ ސަރުކާރުން ފައިސާ ދައްކަންޖެހިފައި ހުރި ހުރިހާ ބިލަކަށް ފައިސާ ދައްކައި ވަރަށް އަވަހަށް ނިންމައިލެވޭނެ ކަމަށެވެ. އަދި މިރޭ ރައީސް ވިދާޅުވީ މިގޮތަށް ނުދެއްކި ހުރި 2.3 ބިލިއަނެއްހައި ރުފިޔާ ހުރިއިރު އެހުރިހާ ފައިސާއެއް ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަސް ތެރޭ ދައްކައި ނިންމަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު