ENGLISH
30 އޮކްޓޯބަރު 2025
15 އަހަރަށް ފަހު ޔޫއްޕެގެ ޑްރީމް ޕްރޮޖެކްޓް ޙަޤީޤަތަކަށް: އިބްރަތުން ފުރިގެންވާ އަސަރުގަދަ މި ފިލްމު އެންމެންވެސް ބަލާލަން ޖެހޭ
21 އޮކްޓޯބަރު 2025
|
އިލްޒާމްގެ ޕޯސްޓަރެއް: ފިލްމް ވަރަށް ރީތި, އެހާމެ މޮޅު
ކުޅަދާނަ ޑައިރެކްޓަރު / އެކްޓަރު، ޔޫސުފް ޝަފީޢުގެ އައު ފިލްމް "އިލްޒާމް" ރޭ ވަނީ އޮލިމްޕަހުގައި ޕްރިމިއާ ކޮށްފަ އެވެ. މި ފަހުން އޮލިމްޕަހުގައި އޮތް އެންމެ ކުލަގަދަ ރަސްމިއްޔާތުގައި ރޭ އެ ފިލްމު ޕްރިމިއާކުރީ ހައުސްފުލް ޝޯއެއްގަ އެވެ.
ޔޫއްޕެ ޕްރޮޑަކްޝަން އާއި ދެކެދެކެވެސް ޕްރޮޑަކްޝަން އިން ގެނެސްދިން މި ފިލްމަކީ މި އަހަރު ސްކްރީން ކުރާނެ އެންމެ މޮޅު ފިލްމަށް ވާނެ ކަމަށް ކުރީން ވެސް އޮތީ ބެލެވިފަ އެވެ. މީޑިއާތަކާއި ފިލްމު ބެލުންތެރީން މި ފިލްމު ސިފަކުރީ އަހަރުގެ ބޮޑު ފިލްމުގެ ގޮތުގަ އެވެ. ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ.
މިއީ ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު އެކްޓަރު / ޑައިރެކްޓަރު، ޔޫއްޕެގެ ހުވަފެނީ ޕްރޮޖެކްޓެކެވެ. މި ފިލްމު ބެލުންތެރީންނާއި ހަމައަށް ގެނެސްދެވޭތޯ އެ އުންމީދުގައި ޔޫއްޕެ 15 އަހަރު ހޭދަކޮށްފި އެވެ. ފަނަރަ އަހަރު ފަހުން އެ އުންމީދު ހާސިލުވީ މޮޅު ފިލްމުތަކެއް ޕްރޮޑިއުސްކުރި މުހަންމާގެ އެހީތެރިކަމާއެކު އެވެ.
މިއީ ވަރަށް ގިނަ ތަފާތު ހާދިސާތައް ދައްކުވައިދޭ ޝައުގުވެރި ފިލްމެކެވެ. ވަރަށް ގިނަ އިހްސާސްތައް ކުރުވާ އަސަރުގަދަ ފިލްމެކެވެ. މިހާތަނަށް ބަލާލަން ލިބުނު އެންމެ އިބްރަތްތެރި ފިލްމޭ ވެސް ބުނެވިދާނެ އެވެ. ފިލްމުގައި ދައްކުވައިދެނީ ކޮންމެ ކަމެއްގައިވެސް ދެ މަގު އޮންނަ ކަމެވެ. ރަނގަޅާއި ނުބަ އެވެ. ލޯތްބާއި ނަފްރަތެވެ. އޯގާތެރިކަމާއި ހަސަދަވެރި ކަމެވެ. ދެބައޮޑުވުމާއި ސުލްހައަށް ކުރާ މަސައްކަތެވެ. މިހެން ގޮސް ޝައުގުވެރި އެތައް ކަމެކެވެ.
އިލްޒާމްގެ ޕޯސްޓަރެއް: ފިލްމް ވަރަށް ރީތި, އެހާމެ މޮޅު
ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ ދެމަފިރިއަކަށް ލިބިފައިވާ ދެ ފިރިހެން ދަރީންްގެ ވާހަކަ އެވެ. އެއް ދަރިއަކީ ވަރަށް ރަނގަޅު، މައިންބަފައިންނާއި މުޖްތަމައުއަށް ހެޔޮ ފޯރުކޮށްދޭ ދަރިއެކެވެ. އަނެއް ދަރިއަކީ ހުރިހާ ނުބައި ކަމަކަށް އަރައިގަންނަ ދަރިއެކެވެ.
އެކަމަކު ހަގީގަތް ފޮރުވި، ފިލްމުގެ ބޮޑުބައިގައި ގިނަ "އިލްޒާމް" ތަކެއްގައި އަނިޔާ ލިބެނީ ރަނގަޅު ދަރިފުޅަށެވެ.
އޭގެ އިތުރުން ދެން ފިލްމުގައި ހިމެނޭ އެހެން ކޮންމެ ކެރެކްޓާއަކާ ގުޅޭ ވެސް ޝައުގުވެރި އެތައް ހާދިސާތަކެއް ފިލްމުގައި ދައްކުވައިދެ އެވެ. ފިލްމުގައި ވަރަށް މުހިންމު ރޯލަކުން އެއްބަފާ ދެ އަންހެނެއްގެ ތަފާތު ދައްކުވައިދެ އެވެ. އެކަކީ ފުރަތަމަ ދުވަހުން ފެށިގެން މުޖްތަމައުން "އިލްޒާމް" އަޅުވާ އެކަހެރިކޮށްލި މީހެކެވެ. އެކަމުގެ ސަބަބުން ދެން އޭނާ އިޚްތިޔާރުކުރަނީ ނުބައި މަގެވެ. އަނެއް އަންހެން ކުއްޖަކީ ކަންކަން ހޯދާ ބަލާ ދެނެގަނެ ނުބަޔާ ދެކޮޅަށް މަސައްކަތް ކުރާ ހިތްވަރު ގަދަ ކުއްޖެކެވެ.
ވަރަށް ގިނަ ތަފާތު އެކި ކަންކަމަށް ފަހު ފިލްމު ނިމިގެންދަނީ ޝައުގުވެރި ގޮތަކަށެވެ. ފިލްމު ބަލަމުންދިޔައިރު އުފެދުނު ހުރިހާ ސުވާލަކަށް ފުރިހަމައަށް ޖަވާބު ދީފަ އެވެ.
ޔޫސުފް ޝަފީޢުއަކީ ހަމައެކަނި މޮޅު އެކްޓަރެއް، ޑައިރެކްޓަރެއް ނޫނެވެ. އެއީ ވަރަށް މޮޅު ލިޔުންތެރިއެކެވެ. މިހާތަނަށް ޔޫއްޕެ ލިޔެފައިވާ ސްކްރީންޕްލޭތަކަށް އެވޯޑް ލިބިފައިވެ އެވެ. "ދެވަންސޫރަ" އަކީ އެފަދަ ނަމޫނާ އެކެވެ.
އެކަމަކު "އިލްޒާމް" މިއީ ޔޫއްޕެގެ އެންމެ މޮޅު އެއް ސްކްރިޕްޓޭ ބުނަން ޖެހެ އެވެ. އެންމެ ފާހަގަކުރެވޭ ކަމަކީ ފިލްމުގައި ސަސްޕެންސް ގެނެސްފައިވާ ގޮތެވެ. ދެންވާނެ ގޮތަކާމެދު އަބަދުހެން އިންނަން ޖެހެނީ ޝައުގުވެރިކަމާއެކު ސުވާލެއްގަ އެެވެ. މިއީ ވަރަށް މަދުން ނޫނީ ދިވެހި ފިލްމަކުން ނުފެންނަ ކަމެކެވެ.
އިލްޒާމްގެ ޕޯސްޓަރެއް: ފިލްމް ވަރަށް ރީތި, އެހާމެ މޮޅު
ފިލްމުގައި ދައްކުވައިދޭ ހުރިހާ ހާދިސާތައް ގެނެސްދީފައި ވަނީ ވަރަށް ފުރިހަމައަށެވެ. ހާލަތާއި ގުޅޭ ބަސްތަކާއި ލަފްޒުތައް ހިމަނާފައިވެ އެވެ. އެންމެ ފާހަގަކުރެވޭ ކަމަކީ ފިލްމުގައި ހިނގާ ހުރިހާ ކަމެއް ފުރިހަމައަށް ހުށަހަޅައިދީފައިވުމެވެ. ވަށާޖައްސާފައިވުމެވެ.
ސީރިއަސް އެތައް ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގައި ހިއުމާ ހިފަހައްޓަން ދޭތެރެދޭތެރެއިން އަންނަ ހެއްވާ މަޖާ ކަންކަމުން ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ.
ޔޫއްޕެގެ މި ސްކްރީންޕްލޭއަށް ދޭން އޮތީ 100 އަކުން 100 އެކެވެ. މިއީ އެވޯޑް އުފުލާނެ މޮޅު ސްކްރީންޕްލޭ އެކެވެ.
"އިލްޒާމް" މޮޅު، އާދަޔާ ޚިލާފު މޮޅު ފިލްމެއްގެ ގޮތުގައި ބެލުންތެެރީންނާއި ހަމައަށް ގެނެވިފައި ވަނީ މި ފިލްމުގައި ހިމެނޭ ހުރިހާ އެކްޓަރުންނާއި އެކްޓްރެސްއިންގެ އެކްޓިންގެ ފުރިހަމަ ކަމުން ކަމުގައި ބުނަން ޖެހެ އެވެ.
މިފަދަ މަދު ފިލްމެއްގައި ނޫނީ ފިލްމުގެ ހުރިހާ ތަރީންގެ އެކްޓިން މި ލެވެލްގައި ފެނިފައެއް ނުވެ އެވެ. ވަރަށް ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމުގައި ގިނަ ތަރީންގެ ރޯލް ވަރަށް ބޮޑެވެ. މުހިންމެވެ. އެގޮތުން ޔޫއްޕެ، ފައިސަލް، ޝިފާ، ނިމާލް، ދަރާ ރަޝީދު، ޝަކީލާ، ޖުމައްޔިލް، އާމިރާ، ލައި އަދި ސައީދުގެ އެކްޓިން ފާހަގަކޮށްލަން ޖެހެ އެވެ. ޚާއްސަކޮށް މި ފިލްމުގައި ކުޑަކުއްޖެއްގެ ރޯލުން ފެންނަ ދަނގެތީ އަންހެން ކުއްޖާގެ އެކްޓިން ވަރަށް ރަނގަޅެވެ.
އެކްޓަރުންގެ އެކްޓިންގެ ވާހަކަ ވަކިވަކީން ލިޔަންވެއްޖެ ނަމަ އެކަމެއް ނުވާނެ އެވެ.
ބައެއް މަންޒަރުތަކުން ލޮލުން ކަރުނަ ފާއްދާލަ އެވެ. ބައެއް މަންޒަރުތަކުން ހިތްކުދިކުދިވެ އެވެ. އަނިޔާވެރި އަމަލުތައް ދައްކުވައިދޭ މަންޒަރުތަކުން ރުޅިވެރިކަމުގެ އިހްސާސްތައް ކުރުވަ އެވެ.
ފިލްމުގެ އެންމެ ޚާއްސަކަމަކީ ބޭކާރު އެއްވެސް މަންޒަރެއް ހިމަނާފައި ނުވުމެވެ. ކޮންމެ މަންޒަރަކީ ވެސް ފިލްމަށް މުހިންމު މަންޒަރެކެވެ. މިވެނި މަންޒަރެއް ނެތްނަމަ ނުވަތަ އެވެނި މަންޒަރެއް ދައްކައިދިން ނަމަ ފިލްމު ވަރަށް ފުރިހަމަވީހޭ ބުނާނެ އެއްވެސް މަންޒަރެއް ނެތެވެ. ޔޫއްޕެގެ މި މަސައްކަތް އެހާވެސް މޮޅެވެ.
ކުރީންވެސް ފާހަގަކުރި ގޮތަށް މިއީ ވަރަށް ގިނަ އިބްރަތްތައް ހާސިލްކޮށްދޭނެ މޮޅު ފިލްމެކެވެ. ހަމަ ޔަގީނުން ވެސް މިފަދަ ފިލްމެއް މިއިން ޒަމާނަކު ސިނަމާއިން ބަލާލަން ނުލިބެއޭ ބުނަން ޖެހެ އެވެ.
ފިލްމުން ދެނީ ކޮންމެ މީހަކަށް ވެސް މުހިންމު މެސެޖުތަކެކެވެ. އިބްރަތުން ފުރިވެގެންވާ މެސެޖުތަކެކެވެ. ހަޔާތުގެ ކުރު ކަމެވެ. ދިރިއުޅުމުގެ ހަޤީޤަތެވެ. މަރުވާނެ ކަމެވެ. މައިބަފައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމު ކަމެވެ. އެ މީހުންނަށް އަނިޔާވެރިވެއްޖެ މީހެއްގެ ނިމުން އަންނަ ގޮތެވެ.
ކަންކަމުގެ ހަގީގަތް ބެލުމުގެ މުހިންމު ކަމެވެ. ކަމުގެ ދެކޮޅު ނުބަލާ ދޮގު "އިލްޒާމް" އެޅުވުމުގެ ނުރައްކާތެރި ކަމެވެ. ދެބަ އޮޑުވުމާއި ދޭތެރެ ޖެއްސުމުގެ ނުބައި ކަމެވެ. އެކަމުން ނުކުންނަ ނުބައި ނަތީޖާ އެވެ. އެފަދަ މީހެއްގެ ސަބަބުން މުޖްތަމައުއަށް ކުރާ ނޭދެވޭ އަސަރުތަކެވެ. އާއިލާތައް ރޫޅި ބައިބައިވެގެންދާ ގޮތެވެ. ހިނގާ ހަމަނުޖެހުންތަކާއި އަނިޔާވެރި އަމަލުތަކެވެ.
ބައްޕައަކާއި ދަރިއެއްގެ މެދުގައި އޮންނަން ޖެހޭ ލޯތްބެވެ. ކިޔަމަންތެރި ދަރިއަަކަށް އާޚިރުގައި ލިބޭ ނަސީބާއި ކާާމިޔާބެވެ. މައްސަަލަތައް ހައްލުކުރުމަށް މަޝްވަރާ ކުރުމުގެ މުހިންމު ކަމެވެ. ގޮތް ދޫކުރުމާއި ރުޅި އިސްނުކުރުމުގެ ފައިދާ އެވެ. މިހެން ގޮސް ކިތަންމެ އިބްރަތްތެރި މެސެޖްތަކެކެވެ.
ފިލްމެއް އުފެއްދުމުގެ އިންތިޒާރުގައި 15 އަހަރު ހުރުމަކީ ކުޑަކަމެއް ނޫނެވެ. އަމުދުން ސްކްރީންޕްލޭއެއް ލިޔެ އެ ވާހަކައިގައި "ފުރާނަ" އެޅިގެން ބެލުންތެރީންނާއި ހަމައަށް ގެނެސްދެވޭނެ ކަމުގެ އުންމީދުގައި 15 އަހަރު ހުރުމަކީ ވަރަށް ބޮޑު ކަމެކެވެ.
އެކަމަކު ކެތްތެރިކަމާއެކު ޔޫއްޕެ ހުރީ އެވެ. ސުވާލަކީ އެ ހުރި ހުރުން ހަމަ "ވޯތު" ހެއްޔެވެ. ފަނަރަ އަހަރަށް ފަހު ޔޫއްޕެ އެ ގެނެސްދިނީ އޭނާ ޑްރީމް ކުރި ވަރުގެ ފިލްމެއް ހެއްޔެވެ. ފިލްމު ބަލާލުމަށް ފަހު އެ ސުވާލަށް ޖަވާބު ދޭން ވަަރަށް ފަސޭހަ އެވެ.
ޖަވާބަކީ "އާއެކެވެ". ކުޑަވެސް ސުވާލެއް ޝައްކެއް ނެތެވެ. ފަނަރަ އަހަރަށް ފަހު ޔޫއްޕެގެ ޑްރީމް ހަޤީޤަތަކަށް ވެގެން ދިޔައީ މޮޅު ފިލްމަކުންނެވެ. މިހާ ދުވަހު މަޑުއެކުރީ ހަމަ ރަނގަޅު ސަަބަބަކަށްޓަކަ އެވެ. "އިލްޒާމް" މިއީ ހުރިހާ ގޮތަކުން މޮޅު ފިލްމެކެވެ.
ފިލްމުގެ މަންޒަރުތައް ހިތްގައިމެވެ. ވަރަށް ރީއްޗެވެ. ގެނެސްދީފައިވާ ގޮތް މޮޅެވެ. ކުލަތަކާއި އަޑުތައް ފުރިހަމަ އެވެ.
މި ފިލްމު ޕްރޮމޯޓްކުރާ ސްލޯގަންގައި ބުނާ ގޮތުން މިއީ "އެންމެންގެ ފިލްމް" އެކެވެ. މި ފިލްމުގެ 16 ޝޯ އޮލިމްޕަހުގައި ދައްކާނެ އެވެ. މިހާރުވެސް 10 ޝޯ ހައުސް ފުލް ވެއްޖެ އެވެ. މެންދުރާއި ދަންވަރުގެ ޝޯތަކަށް ވަރަށް އަވަހަށް ހުޅުވާލާނެ އެވެ. އަވަހަށް ޓިކެޓެއް ނަގާށެވެ. މިއީ އާއިލާގެ އެންމެން އެކުގައި ވެސް ގޮސް ބަލާލަން އެންމެ ކަމުދާނެ ފިލްމެކެވެ.