ENGLISH

22 އޮކްޓޯބަރު 2025

Advertisement

މާބައިދޫގައި ހަ މަޝްރޫއެއް؛ ރައީސް ދެއްވީ އިތުރު ކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން

21 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

މާބައިދޫ ރައްޔިތުންނާ ބައްދަލުކުރައްވަައި ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ލ.މާބައިދޫގައި ތިން މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައި އިތުރު ތިން މަޝްރޫއެއް ހިންގަން ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއުތަކުގެ އިތުރަށްވެސް ގިނަ މަސައްކަތްތަކެއް އެ ރަށުގައި މި އަހަރާއި އަންނަ އަހަރު ކުރެވިގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. 

ހައްދުންމަތީގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މާބައިދޫއަށް ވަޑައިގެން އެ ރަށުގެ ރަައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިއަދު އެ ރަށުގައި ބައެއް މަސައްކަަތްތައް ފެށުމަށް ރަސްމިއްޔާތުތަކެއް ބޭއްވުމަށް ނިންމާފައި އޮތް ނަމަަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެ ރަސްމިއްޔާތުތައް ނުބޭއްވުނު ކަމަށެވެ. 

އެގޮތުން އެ ރަށުގައި ގާއިމުކުރި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް މިއަދުން ފެށިގެން ލިބޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެ ރަށުގައި އަޅާ އައިސް ޕްލާންޓުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު ނުބޭއްވުނު ނަމަވެސް އެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަަށެވެ. އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ގުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

މިއަދު ސޮއިކުރެވުނު ތިން މަަޝްރޫއުކަމަށްވާ މާބައިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، އެ ރަށު ސްކޫލުގެ މަލްޓި ޕާޕަސް ހޯލު ތަރައްގީކުރުމާއި، މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް ހަލުއިކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

"ސޮއިކުރެވިގެންދިޔަ ތިން މަޝްރޫއާއި، އަމަލީ ގޮތުން މިފެށި ތިން މަޝްރޫއު އަދި ހަ މަޝްރޫއުވެސް ވަރަށް ރަނގަޅަށް ކުރިއަށްދާނެ މަޝްރޫއުތަކެއްކަން ޔަގީންކޮށްދެން،" ރައީސް ވިދާޅުވިއެވެ. 

އޭގެ އިތުރަށް އެ ރަށުގައި ފުލުހުންގެ ސްޓޭޝަން ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފެށުމަށްޓަކައި ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަން ހާމަކުރެއްވުމާއެކު، ރައީސް ވިދާޅުވީ އެ ރަށުގެ ކަރަންޓުގެ ވިއުގައަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ފެނަކައިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މާބައިދޫގެ ތަރައްގީއަަށް މުހިއްމު އިތުރު މަޝްރޫއުތަކުގެ ތެރޭގައި ވޮލީ ކޯޓެއް ތަރައްގީކުރުމާއި، ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމުގެ ގޮތުން ބޭނުންވާ މުވައްޒަފުން ނެގުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނުއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު