ENGLISH
21 އޮކްޓޯބަރު 2025
ވީއައިއޭގެ އާޓާމިނަލް އިން ސައުދީ އެއާލައިނަށް ޚިދުމަތް ދޭން ފަށައިފި
21 އޮކްޓޯބަރު 2025
|
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް އިން ސައުދިއާ އަށް ޚިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ސައުދީ އަރަބިއާގެ ގައުމީ އެއާލައިން އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދުއެވެ.
ރަސްމިއްޔާތުގައި ސައުދީ އަރަބިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހުތާނީ، ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ ސައުދިއާގެ މެނޭޖަރު އީސަމް އަލް ހަބްސީ، ރާއްޖެ އާއި ސްރީ ލަންކާ އަދި ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ ސައުދިއާގެ އޮޕަރޭޝަންސް މެނޭޖަރު ސާދް އަލް ސާލިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ސައުދިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 57 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ސައުދިއާގެ ފުރަތަމަ މަތިންދާބޯޓު، SV838 އިން ރާއްޖެ އައި 127 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ސައުދިއާ އަކީ ސައުދީ އަރަބިއާގެ ގައުމީ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާޗު 2016 ގައެވެ.
ސައުދިއާ އަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި 11 ވަނަ އެއާލައިނެވެ. އަދި ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި ސައުދީ އަރަބިއާގެ ފުރަތަމަ އެއާލައިނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.