ENGLISH

21 އޮކްޓޯބަރު 2025

Advertisement

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

21 އޮކްޓޯބަރު 2025

|

މުޙައްމަދު އަދުހަމް

ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ މިދިޔަ 19 އަހަރު ދުވަހުގެ ތެރޭގައި ފީފާގެ ރައީސަކު ދިވެހިރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މީގެކުރީން، 2006 ވަނަ އަހަރު އޭރުގެ ފީފާގެ ރައީސް، ސެޕް ބްލެޓާ ވަނީ ރާއްޖެ އަށް ޒިޔާރަތްކުރައްވާފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ޠާރިޤު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފީފާގެ ރައީސް، އިންފަންޓީނޯ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

"ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، 24 އޮކްޓޯބަރު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވާނެ ކަމުގެ ޚަބަރު ވަރަށް އުފަލާއެކު އިޢުލާންކުރަން. މިއީ 19 އަހަރަށްފަހު ފީފާގެ ރައީސަކު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތް،" ޠާރިޤުގެ ޕޯސްޓުގައިވެއެވެ.

ޠާރިޤު ވިދާޅުވީ، މި ތާރީޚީ ޒިޔާރަތުގެ ސަބަބުން ދިވެހި ފުޓްބޯޅައަށް ނުހަނު ގިނަ ކުރިއެރުންތައް ލިބިދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ފީފާގެ ރައީސް، އިންފަންޓީނޯގެ މި ދަތުރުފުޅުގެ ސަބަބުން ދިވެހި ފުޓްބޯޅަ ތަރައްޤީކޮށް ކުރިއެރުމަށް ކުރެވެމުންދާ މަސައްކަތްތައް އިހުނަށްވުރެ ހަލުވި ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށް ވެސް ޠާރީޤު ފާހަގަކުރެއްވެވިއެވެ.

މީގެއިތުރުން، ފީފާ އިން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްއާ އެކު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް ޠާރިޤު ވިދާޅުވިއެވެ.

ދާދިފަހުން އެފްއޭއެމްގެ ރައީސް ޠާރިޤު ވަނީ، ފީފާގެ ދަޢުވަތަކަށް އެ އިދާރާގެ ހެޑްކުއާޓާޒްގައި ކުރިއަށްގެންދެވި ބައްދަލުވުމަކަށް ވަޑައިގެން ރައީސް އިންފަންޓީނޯއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު ފީފާގެ ރައީސް އިންފަންޓީނޯ ވަނީ، ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން، އެފްއޭއެމްގެ ރައީސް ޠާރިޤު، އެ މަޤާމަށް ގެންނަވަނީ ތަޖުރިބާ އާއި ފުރިހަމަ ވިސްނުމެއް ކަމަށާއި، މިދިޔަ ޖުލައި މަހުގައި އިންތިހާބުވި ފަހުން މިއަދާ ހަމައަށް ކަންކަން ހާސިލްކުރުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރައްވަމުންގެންދާ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން، ފީފާގެ ރައީސް، ސެޕް ބެލްޓާ ވަނީ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން 2006 ގައި ދެ ދުވަހަށް ރާއްޖެ ޒިޔާރަތްކުރައްވައިފައެވެ. އެ ފަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ވަނީ ބައްދަލުކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު