ENGLISH

03 ފެބްރުއަރީ 2026

Advertisement

މާަމެންދޫގައި ލެބޯޓަރީ ހިދުމަތް އިފުތިތާހުކޮށްދެއްވަައި، ކައުންސިލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިފި

21 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

މާމެންދޫ ކައުންސިލު އިދާރާ ބިންގާ އެޅުއްވުން، ފޮޓޯ: ރައީސް އޮފީސް

ލ.މާމެންދޫ ސިއްހީ މަރުކަޒުގައި އަލަށް ގާއިމުކުރެވުނު ލެބޯޓަރީގެ ހިދުމަތް އިފުތިތާހުކުރެއްވުމާއެކު، އެ ރަށުގެ ކައުންސިލު އިދާރާގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ. 

ހައްދުންމައްޗަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު މާމެންދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރަތުގައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގެ ސިއްހީ މަރުކަޒުގައި ގާއިމުކުރި ލެބޯޓަރީ ހިދުމަތް އިފުތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމެވެ. 

މި ލެބޯޓަރީއަކީ ރާއްޖޭގެ ހުރިހާ ރަށަކުން އަސާސީ ލެބޯޓަރީގެ ހިދުމަތް ލިބޭކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުޅިން އަލަށް މާމެންދޫގައި ގާއިމުކުރެވުނު ލެބޯޓަރީއެކެވެ. އަަސާސީ ހުރިހާ ޓެސްޓެއް ހެދޭ ގޮތަށް ހުރިހާ ރަށެއްގައި ލެބޯޓަރީ ހިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. 

އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަަތްތަކުގެ ތެރެއިން ކުރިން ލެބޯޓަރީ ހިދުމަތް ނެތް ގިނަ ރަށްތަކެއްގައި އެ ހިދުމަތް ގާއިމުކުރުމަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް އިތުރުކުރަންޖެހޭ ޖާގަ އިތުރުކުރުމާއި ފޯރުކޮށްދޭންޖެހޭ އިކުއިޕްމެންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުއި ދުވެލީގައި އަންނަނީ ކުރަމުންނެވެ. 

ލެބޯޓަރީ ހިދުމަތް ފައްޓަވައިދެއްވުމުގެ އިތުރަށް ރައީސް މާމެންދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ރަށު ކައުންސިލު އިދާރާގެ އައު އިމާރާތުގެ އަމަލީ މަސައްކަތްވަނީ ފައްޓަވައިދެއްވާފައެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރެވެ. 

މާމެންދޫ ކައުންސިލުގެ އައު އިމާރާތުގެ މަސައްކަތަކީ 55 ރަށެއްގައި ކައުންސިލު އިމާރާތް އެޅުމަށް އާރްސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން އެ ކުންފުނިން ކުރިއަށްގެންދާ މަސައްކަތެކެވެ. 

ރައީސް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރިޔާސީ އިންތިހާބުގައި އެމަނިކުފާނު އެކި ރަށްރަށަށް ވެވަޑައިގެންނެވި ވައުދުފުޅުތަކާ އެއްގޮތަށް އެ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް އަންނަނީ ފަށަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު