ENGLISH
20 އޮކްޓޯބަރު 2025
ސިޔާސަތަކީ ހިތަދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން: ރައީސް
20 އޮކްޓޯބަރު 2025
|
ރައީސް ހިތަދޫގައި ވާހަކަފުޅު ދައްކަވަނީ --
ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު އެރަށުގައި ޢަމަލީ ގޮތުން މަސައްކަތް ފެށި، ހިތަދޫ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ އައު އިމާރާތް ވެގެންދާނީ އެ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް ކުރައްވާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް 2026 ވަނަ އަހަރު، ޖުމުލަކޮށް މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރެއްވުމަށް އަހުމިއްޔަތުކަން ދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އިންސާނީ ވަސީލަތްތަކުގެ އެހީގައި ޞިއްޙީ ޚިދުމަތްދޭ ބައެއް މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ބައެއް މަރުކަޒުތަކުން ޚިދުމަތްދޭ ވަގުތު އިތުރުކުރުމަށް މަގުފަހިވެގެންދާނޭ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަތޮޅުގެ ގިނަ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، އަދި ރިޔާސީ ވަޢުދެއްކަމުގައިވާ، އަތޮޅުގައި ދެވަނަ އެއަރޕޯޓެއް ތަރައްޤީކުރެއްވުމުގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، އެކަމާމެދު މިދަތުރުފުޅުގައި ގޮތެއް ނުނިންމެވުމަކީ، އެކަން ނުކުރެއްވުން ނޫންކަމުގައި ވިދާޅުވެފަ އެވެ. އެކަމުގައި އޮތް އެންމެ ފައިދާހުރި، ދެކޮޅުޖެހޭ، ފީސިބަލް ގޮތެއް ބެއްލެވުމަށްފަހު، ވަރަށް އަވަހަށް ގޮތެއް ނިންމަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު އަތޮޅުގެ ރައްޔިތުންނަށް ދެއްވި އެވެ.