ENGLISH
20 އޮކްޓޯބަރު 2025
ކުނަހަންދޫއަށް ޚާއްސަ ދުވަހެއް: ކެމްޕޭނެެއް ނެތި މިދިޔަ 40 އަހަރުތެރޭ އެރަށަށް ވަޑައިގެންނެވި ފުރަތަމަ ރައީސަކަށް ރައީސް މުޢިއްޒު
20 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުނަހަންދޫއަށް ވަޑައިގަތުން --
ލާމު އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ކުނަހަންދޫއަށް މިއަދު ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފި އެވެ.
ކުނަހަންދޫ އިން ރައީސަށް ހޫނު މަރުޙަބާއެއް ދެންނެވިއިރު މިއަދަކީ އެ ރަށުގެ ރައްޔިތުންނަށް ޚާއްސަ ދުވަހެކެވެ.
ލ. ކުނަހަންދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރަތަކީ، އިންތިޚާބެއްގެ ކެމްޕޭން ދުވަސްތަކަކަށް ނުވާ ގޮތަށް، ރާއްޖޭގެ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިވާ ރައީސަކު ވޭތުވެ މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި އެރަށަށް ކުރެއްވި ފުރަތަމަ ޒިޔާރަތް ކަމަށް ކުނަހަންދޫ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން މިއަދަކީ އެރަށަށް ތާރީޚީ ދުވަހެއްގެ ގޮތުގައި ރައްޔިތުން ދެކެ އެވެ.
ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަކީބު ވެސް ވަނީ އެކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ކުނަހަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި އެރަށަށް ޚާއްޞަ ކުރެއްވި ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވާދެއްވާފައެވެ. އެގޮތުން އެ ރަށުގައި ބީއެމްއެލްގެ އޭޓީމްގެ ޚިދުމަތް ވަނީ ފަށާފަ އެވެ.
ކުނަހަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީ ކުރުމާއި ވޮލީ ކޯޓް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައިވަނީ ސޮއިވެސް ކޮށްފަ އެވެ. މި ދެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
އަދި އެ ރަށު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުން ވެސް އޮތުމެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމުގެ ޚިޔާލު ހޯއްދަވައި، ރައްޔިތުން އެދޭގޮތަށް ކުނަހަންދޫގެ ތަރައްޤީގެ ކަންކަން ގެންގޮސްދެއްވާނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފަ އެވެ.