ENGLISH

20 އޮކްޓޯބަރު 2025

Advertisement

މަކަރާ ހީލަތުން ދައުލަތުން ފައިސާ ހޯދަން އުޅުން: ޖިނާޢީ ތަޙުޤީޤެއް ހިންގައިދޭން އެދިއްޖެ

20 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިން، ފޮޓޯ: މިހާރު

ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ސެންޓަރ އެންޓަރޕްރައިސަސް) އިން މަކަރާއި ހީލަތުން ދައުލަތުގެ ކިބައިން ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭތީ އެ މައްސަލައާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގައިދިނުމަށް ބަންޑާރަނާއިބުގެ އޮފީހުން ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިއްޖެ އެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ބުނީ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2021 ވަނަ އަހަރުގައާއި 2022 ވަނަ އަހަރުގައި ދިވެހި ދައުލަތާ ދެކޮޅަށް ހަތަރު ދަޢުވާއެއް ސިވިލް ކޯޓަށް ހުށަހެޅި ކަމަށެވެ.

އަދި އެ ހަތަރު ދަޢުވާގައި ސެންޓަރ އެންޓަރޕްރައިސަސް އިން ހުށަހެޅި ލިޔެކިޔުންތަކުގެ ޞައްޙަކަމާމެދު، އަދި ބައެއް މުޢާމަލާތްތަކުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭތީ، މި މައްސަލަތައް 04 ސެޕްޓެންބަރު 2022 ގައި އަދި އޭގެ ފަހުންވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް އެ އޮފީހުން ހުށަހަޅާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ހަމަ އެ ތާރީޚުގައި މި މައްސަލަތައް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުން ބުންޏެވެ.

އެ އޮފީހުން އިތުރަށް ބުނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ޝާއިޢުކޮށްފައިވާ "ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން 2008 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތަށް ފޯރުކޮށްދީފައިވާކަމަށް ބުނާ މެޑިކަލް އިކިއުޕްމަންޓް އާއި ކޮންސިއުމަބްލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައާގުޅޭ ޚާއްޞަ އޮޑިޓްގެ ރިޕޯޓް" ގައި ސެންޓަރ އެންޓްރޕްރައިސަސް އިން ފޯޖްކޮށްގެން އުފައްދާފައިވާ ޞައްޙަނޫން ލިޔެކިޔުންތަކެއް ޝަރުޢީ ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް އަށް ބުރަވެވޭ ކަމާއި، އެ ފަދައިން އެ ކުންފުނިން ޢަމަލުކޮށްފައިވަނީ މަކަރާއި ހީލަތުން ދައުލަތުގެ ކިބައިން ފައިސާ ހޯދުމަށް ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް އޮޑިޓަރ ޖެނެރެލް އިރުޝާދު ދެއްވާފައިވާތީ، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރައްވައި ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެދި މި އޮފީހުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.

ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްސަލައާ ގުޅިގެން އޮޑިޓަރު ޖެނެރަލް ނެރުއްވި ރިޕޯޓްގައިވާ ގޮތުން އެ ކުންފުނިން ވަނީ ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން މަކަރާ ހީލަތުން ދައުލަތުން 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު