ENGLISH

20 އޮކްޓޯބަރު 2025

Advertisement

ފުވައްމުލަކު ސިޓީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް

20 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ފުވައްމުލަކު ސިޓީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ މަގުތަކުގެ ދެފަރާތުގައި އަޅާ ގާ އެތުރުމުގެ މަސައްކަތާއި، އެ ގާތައް ހަރު ކުރުމުގެ މަސައްކަތް ކަމަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ މަގުތަކުގެ 12.7 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ފުވައްމުލައް ސިޓީގެ 50 މަގެވެ. މި މަޝްރޫއު ނިމޭއިރު ފުވައްމުލައް ސިޓީގެ ތާރު ނޭޅި ހުރި ކުދި މަގުތަކުގައި ތާރު އަޅައި ނިމޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއަށް 225 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރެއެވެ.

މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ އިތުރުން، މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާާއިމްކުރުމާއި، 650 ކޭބަލް ޖަންކްޝަން ބޮކްސް ވަޅުލުމާއި، 13،964 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 24،345 މީޓަރުގެ ކަބް ސްޓޯން ހަރުކުރުމާއި ގަސްހަރު ކުރާ ޕިޓްސް ވަޅުލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން 633 މަގު ބައްތި ހަރު ކުރުމާއި މަގުމަތީ ނިޝާން ހަރު ކުރުމާއި ކަފިހި ހުރަސް ކުރެހުމުގެ އިތުރުން ސްޕީޑް ބްރޭކަރު ހަރު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.

ވިއްސާރަ މޫސުމުގައި ފުވައްމުލަކު ސިޓީގެ މަގުތަކުގައި ފެން ބޮޑުވެ ޗަކަ ވަޅުގަނޑުތައް ހެދުމުގެ މައްސަލައަކީ، އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ޒަމާންވީ ކަންބޮޑުވުމެކެވެ. އެހެންކަމުން މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއެކު، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު