ENGLISH
03 ފެބްރުއަރީ 2026
މާވަށު ބަނދަރާއި ސްކޫލުގެ މަސައްކަތް އެމްޓީސީސީއަށް، އައިސް ޕްލާންޓް އެޅުން މިފްކޯއަށް
20 އޮކްޓޯބަރު 2025
|
މާވަށު ސްކޫލް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ލ. މާވަށުގެ ބަނދަރު އަޕްގުރޭޑުކޮށް އަލުން ތަރައްގީކުރުމުގެ މަސައްކަތާއި، އެ ރަށުގައި އަލަށް އަޅާ އައު ސްކޫލު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، އައިސް ޕްލާންޓު އެޅުމުގެ މަސައްކަތް ދައުލަތުގެ މަސް ކުންފުނި މިފްކޯއާ ހަވާލުކޮށްފިއެވެ.
ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންދާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާވަށަށް މިއަދު ވަޑައިގެންފައިވެއެވެ. އެ ރަށަށް އެމަނިކުފާނު ކުރައްވަމުންދާ ޒިޔާރަތުގެ ތެރެއިން ހަތް މަޝްރޫއެއްގެ އަމަލީ މަސައްކަތް އެ ރަށުގައި ފަށާފައިވެއެވެ.
އޭގެ އިތުރަށް މާވަށު ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް މިއަދު އެ ރަށު ސްކޫލުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ތިން މަޝްރޫއެއް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ.
އެގޮތުން މާވަށު ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރެއްވިއިރު، އެ ރަށު ސްކޫލަށް އިތުރުކުރާ ނުވަ ކްލާސް ރޫމާއި ލެބޯޓަރީއާއި ވަށާފާރުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއެވެ.
މާވަށު ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް
މި ދެ މަޝްރޫއުވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނީގެ ފަރާތުން މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
މި އެއްބަސްވުންތަކުގެ އިތުރަށް މާވަށުގައި އައު އައިސް ޕްލާންޓެއް އެޅުމުގެ އެއްބަސްވުމުގައިވެސް މިއަދުގެ ޖަލްސާގައި ސޮއިކުރެވުނެވެ. އެ މަޝްެރޫއު ހަވާލުކޮށްފައިވަނީ މިފްކޯއާއެވެ. ސަރުކާރުގެ ފަރާތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖުމެންޓު ޔުނިޓުގެ މެނޭޖަރ އަހްމަދު ޝަމީމެވެ.
އެކި އަތޮޅުތަކަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން ރަށްރަށުގައި ކުރިއަށްގެންދިއުމަށް ސަރުކާރުން ރާވާފައިވާ މުހިއްމު ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަނީ ފަށަމުންނެވެ. އަދި ބައެއް މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށް، އެއްބަސްވުންތަކުގައި އަންނަނީ ސޮއިކުރަމުންނެެވެ.