ENGLISH

03 ފެބްރުއަރީ 2026

Advertisement

ބްރޯޑްކޮމްގެ ކުރީގެ ރައީސާ ހިމެނޭހެން ތިން ބޭފުޅަކު މީޑިޔާ ރެގިއުލޭޓަރީ ކޮމިޝަނަށް އައްޔަންކުރަން ކޮމިޓީން ރުހުން ދީފި

20 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް

މީޑިޔާ ރެގިއުލޭޓުކުރުމާ ބެހޭ "މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަަން"ގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް އައްޔަންކުރާ މެންބަރުންގެ މަގާމަށް ތިން ބޭފުޅަކު އައްޔަންކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ. 

މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންގެ މަގާމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ނުވަ ބޭފުޅެއްގެ ނަންފުޅު މަޖިލީހުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވެއެވެ. އެ ބޭފުޅުންގެ އިންޓަވިއުކުރިއަށް ގެންގޮސް ހުރިހާ ބޭފުޅުންނަށް ކޮމިޓީން މާކްސް ދީފައިވެއެވެ. 

ކޮމިޓީން މާކްސް ދިންއިރު އެ މަގާމަށް އައްޔަންކުރެވޭ މިންވަަރަަށް ނުވަތަ 75 އިންސައްތައިން މަތިން މާކްސް ލިބިވަޑައިގަތީ ތިން ބޭފުޅަކަށެވެ. އެއީ 90.50 އިންސައްތަ ލިބިވަޑައިގެންނެވި ހ.ޓޫހާޓްސް މުހައްމަދު ފަރުސަތުއާއި، 88.88 އިންސައްތަ ލިބިވަޑައިގެންނެވި ދ.މީދޫ، ބިއްލޫރިވިލާ ސަފާ ޝަފީގު އަދި ބްރޯޑްކޮމްގެ ކުރީގެ މެންބަރު ގ.ގޮފި އާމިނަތު ސަރާހަތު އިއްޒަތެވެ. އޭނާއަށް ދީފައިވަނީ 87.88 އިންސައްތަައެވެ. 

ކޮމިޓީން އެންމެ މަތިން މާކްސް ދީފައިވާ ތިން ބޭފުޅުން ކޮމިޝަނަށް އައްޔަންކުރުމާމެދު ގޮތެއް ނިންމަން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފައިވެއެވެ. 

މަޖިލީހުން ކޮމިޝަނަށް އައްޔަންކުރާ ތިން މެންބަރުންގެ އިތުރަށް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ މީޑިޔާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. މީޑިޔާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި، އެހެނިހެން މީޑިޔާ ތަމްސީލުކުރައްވާ ދެ މެންބަރުންނެވެ. 

މީޑިޔާއިން އިންތިހާބުކުރާ މެންބަރުކަމަަށް ކުރިމަތިލެއްވި ބޭފުޅުންގެ އަދަދު އިންތިހާބުކުރާ މެންބަރުންގެ އަދަދާ އެއްވަރުވުމުގެ ސަބަބުން އެ ހަތަރު މަގާމަށް ކުރިމަތިލެއްވި ބޭފުޅުން އިންތިހާބަކާ ނުލައި ހޮވިވަޑައިގެންފައިވެއެވެ. އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރައްވާ ދެ މެންބަރުންނަކީ ށ.ފޭދޫ. މޫނިމާގެ، އަބްދުލްއަޒީޒް އިބްރާހީމް އަދި މލ/ގދ.ތިނަދޫ ޒަަމްއަތު އަހްމަދު ވަހީދެވެ. 

އަދި ބްރޯޑްކާސްޓަރުން ނޫން އެހެނިހެން މީޑިޔާތައް ތަމްސީލުކުރައްވާ ދެ މެންބަރުންގެ ގޮތުގައި ހޮވިވަޑައިގަތީ ވެލީގެ، ގދ.ރަތަފަންދޫ ސިމާހާ ނަސީމްއާއި ހިސާން، ހދ.ވައިކަރަދޫ، ހުސައިން ސަގީފެވެ. ސަގީފަކީ މިހާރު އުވާލާފައިވާ މޯލްޑިވްސް މީޑިޔާ ކައުންސިލުގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. 

ކިޔުންތެރިންގެ ހިޔާލު