ENGLISH
03 ފެބްރުއަރީ 2026
މާވަށަށް ތަރައްޤީގައި ޚާއްޞަ ދުވަހެއް، 7 މަޝްރޫޢެއްގެ މަސައްކަތް ފަށައިފި
20 އޮކްޓޯބަރު 2025
|
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި، ފުރަތަމަ މަންޒިލުގެ ގޮތުގައި ލ. މާވަށަށް ވަޑައިގެން އެރަށުގެ ތަރައްޤީއަށް ބޭނުންވާ 7 މަޝްރޫޢެއްގެ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި މަސައްކަތް ފެށި މަޝްރޫޢުތަކުގެ ތެރޭގައި މުހިއްމު ދާއިރާތަކުން އެރަށަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހިމެނެއެވެ.
މާވަށުގައި ސަރުކާރުން ކުރިއަށްގެންދަނީ، މަގު ހެދުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗް އިމާރާތްކުރުން، ގޮނޑުދޮށް ޙިމާޔަތްކުރުން، ފުލުހުންގެ މަރުކަޒު އިމާރާތްކުރުން، ވޮލީކޯޓު ތަރައްޤީކުރުން، ފިޓްނަސް އެންޑް ރެކްރިއޭޝަން (އެފްއާރުސީ) އިމާރާތްކުރުން އަދި މާވަށުގައި ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށުމެވެ.
މާވަށު މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މާވަށު މަގުހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ޙަވާލުކުރިއިރު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ޙަވާލުކުރީ އެމްޓީސީސީއާއެވެ. ރަސްމިއްޔާތުގައި އާރުޑީސީ އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުން ބައިވެރިވަޑައިގަތެވެ.
މާވަށުގައި އިމާރާތްކުރާ ބީއެމްއެލްގެ އާ ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
މާވަށުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާންއެވެ. ވަޒީރުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ.
ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން މާވަށުގައި ވޮލީކޯޓު ތަރައްޤީކުރުމުގެ މަސައްކަތާއި (އެމްޓީސީސީ) މާވަށުގެ ފިޓްނަސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް (އެމްޓީސީސީ) ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ދެ މަޝްރޫޢު ވެސް މާވަށުގައި ކުރިއަށްގެންދާނީ އެމްޓީސީސީންނެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ބައިވެރިވަޑައިގަތެވެ.
މާވަށުގައި ކުނި މެނޭޖްކުރާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަރިހުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ބައިވެރިވަޑައިގަތެވެ.
މާވަށުގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުތަކުގައި އެރަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރީން ބައިވެރިވެވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާ މާވަށަށް ކުރެއްވި ދަތުރުފުޅުގައި މާވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި، މާވަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވާފައިވެއެވެ.