ENGLISH

19 އޮކްޓޯބަރު 2025

Advertisement

ސިއްޙީ ދާއިރާއިން އަނެއްކާވެސް ކާމިޔާބެއް: މެޔަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

19 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މެޔަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ފެށުން --

ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންކުރާ މޭގެ ކެތީޓަރު ލެއްވުމުގެ ޚިދުމަތް ސަރުކާރުގެ މައި ހޮސްޕިޓަލްގައި ފަށައިފި އެވެ.

މިއީ ރާއްޖޭގައި މި ޚިދުމަތް ފެށި ފުރަތަމަ ފަހަރެވެ. އެކަން ފާހަގަ ކުރައްވާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލިޓީސްގެ ސީއީއޯ އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ އައިޖީއެމް.އެޗްގައި ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭތާ 18 މަސްދުވަސް ފުރިހަމަވެއްޖެ ކަމަށާ މި ޚިދުމަތަކީ ބަލިމީހާއަށް އަމިއްލަ ރަށުގައި،އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ފަރުވާއެއް ކަމަށެވެ.

އަދި ފުރަތަމަ ފަހަރަށް އައިޖީއެމް ހޮސްޕިޓަލުގައި ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންކުރާ މޭގެ ކެތީޓަރު ލެއްވުމުގެ ޚިދުމަތްވެސް ތަޢާރަފުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"..މި އޮކްޓޯބަރު މަހުގެ ކުރީކޮޅު، ފުރަތަމަ ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކުރެވުނު. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސަރޖަރީ، ޔޫރޮލޮޖީ، އެނެސްތީސިއާ އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ޚާއްޞަ ދިވެހި ޑޮކްޓަރުންގެ ޓީމަކުން. މިހާރު މި ޚިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް އައިޖީއެމްއެޗްގައި ކުރިއަށްދޭ," ފުރަތަމަ އޮަޕަރޭޝަން ކުރާ މަންޒަރު ފެންނަ ބައެއް ފޮޓޯތަކާއެކު ޙަލީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ޙަލީމް ވަނީ މި ކުރިއެރުމަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު އަދި ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމުގައި ވިދާޅުވެފަ އެވެ.

މެޔަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ރާއްޖޭގައި ފެށިއިރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތް ދޭން ފަށައިފި ސިއްޙީ ދާއިރާއިން އިތުރު ކާމިޔާބެއް މި މަހުގެތެރޭ ވަނީ ހާސިލުކޮށްފަ އެވެ.

މިއީ އެންމެ ނާޒުކު ތުއްތު ކުދިން ކަމުގައިވާ ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ޚާއްޞަ ފަރުވާ އެކެވެ. 

މި ސަރުކާރުން ސިއްޚީ ދާއިރާާއަށް ބޮޑު ބަދަލެއް

ރާއްޖޭގެ ސިއްޙީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހު ސިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފަ އެވެ.

އެގޮތުން މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް ވަސީލަތް އިތުރުކުރުމާއި އުމްރާނީ ގޮތުން ގެނައި ތަރައްޤީއާ ކުރިއެރުން ފާހަގަ ކުރެވެ އެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 500 މިލިޔަން ރުފިޔާ ޞިއްޙީ ދާއިރާއަށް ކަނޑައަޅުއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ނިންމަވާާފަ އެވެ. 

ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސަރޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، 2026 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މާލެ އާއި، ސަރަޙައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް މަސައްކަތްތައް ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި މަސައްކަތްތައް ކުރައްވާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއަރ އަށް ސަމާލުކަން ދެއްވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު