ENGLISH
19 އޮކްޓޯބަރު 2025
ފ.ނިލަންދޫ އެއާޕޯޓް އަޅަަން ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ނިމުމާ ގާތަށް
19 އޮކްޓޯބަރު 2025
|
ފ. ނިލަންދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝަރޫއު - ފޮޓޯ: އެމްޓީސީސީ
ފ.ނިލަންދޫ އެއާޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ނިމުމަކާ ގާތްވެއްޖެއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނީ، ނިލަންދޫ އެއާޕޯޓް ތަރައްޤީކުރުމަށް، ހިއްކާ ބިމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ސޭންޑް ބަންޑް ވޯލްގެ 81 އިންސައްތަ މަސައްކަތްވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނިލަންދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ ، މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ނިލަންދޫ އެއާޕޯޓު ތަރައްޤީކޮށް، ހިންގުން މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް( އެމްއޭސީއެލް) އާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.
ނިލަންދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއަކީ 390 ދުވަސްތެރޭ ނިންމާ ގޮތަށް އެމްޓިސީސީއާއި ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކާ، 2098 މީޓަރު ސަރަޙައްދުގައި ބޮޑު ހިލަ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 1400 މީޓަރު ސަރަޙައްދުގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ. ބިން ހިއްކުމުގެ އިތުރުން، ހިއްކި ސަރަޙައްދު ހިމާޔަތް ކުރުމަށްޓަކައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދޫއަށް މިދިޔަ ސެޕްޓެމްބަރ މަހު ވަޑައިގެން ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫއަށް އިތުރު 300 މީޓަރު އިތުރުކޮށް ޖުމްލަ 1800 މީޓަރު ރަންވޭއެއް އެޅުމަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއަށް ދަންނަވާފައިވާނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކުރިން ހިއްކުމަށް ހަމަޖެހިފައި އޮތީ 1500 މީޓަރުގެ ރަންވޭއެއް އެޅުމަށް ބޭނުންވާ ބިމެކެވެ.
ނިލަންދޫ އެއާރޕޯޓް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ޖެޓް ޖެއްސޭ ފެންވަރަށް އެންމެ ޒަމާނީ އެއާރޕޯޓަކަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.