ENGLISH

06 ޖުލައި 2025

Advertisement

ސްކޭމް ކޮށްގެން ހޯދާ ފައިސާ ޖަމާކުރުމަށް ބައެއް މީހުންގެ ބޭންކް އެކައުންޓްތައް ކުއްޔަށް ދީފައިވޭ: ޕޮލިސް

28 ނޮވެމްބަރު 2024

|

އަހުމަދު އަބްދުﷲ

އޮޅުވާލައިގެން މަކަރާއި ހީލަތުން ހޯދާ ފައިސާ ޖަމާކުރުމަށް ބައެއް މީހުންގެ ބޭންކް އެކައުންޓްތައް ކުށްވެރިންނަށް ކުއްޔަށް ދޫކުރާކަން ފުލުހުން ފާހަގަކޮށްފިއެވެ. 

އެންޓި ސްކޭމްގެ ދާއިރާގައި މަސައްކަތްކުރައްވާ ޕޮލިސް އޮފިސަރަކު ވިދާޅުވީ އެފަދަ އެކައުންޓްތައް ހަ މަސް ދުވަހަށް ސަސްޕެންޑް ކުރަމުން ގެންދާ ކަމަށެވެ. 

އޮފިޝަލު ވިދާޅުވި ގޮތުގައި ސްކޭމް ކޮށްގެން ހޯދާ ފައިސާ ޖަމާކުރުމަށް ބައެެއް މީހުންގެ އެކައުންޓް ކުއްޔަށް ދޫކުރުމަކީ އެނގިތިބެ ހިންގާ "ވަރަށް ނުރައްކާތެރި ކަމެއް" ކަމަށެވެ. 

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ ސްކޭމްގެ ފައިސާ ޖަމާކުރާ އެކައުންޓްތައް ވަކި މުއްދަތަކަށް ސަސްޕެންޑް ކުރަމުންދަނީ ފުލުހުންނާ ގުޅިގެން އެކަން ތަހުގީގުކުރުމަށްޓަކައެވެ. 

"އެކައުންޓް ސަސްޕެންޑް ކުރީމަ ވަރަށް ގިނަ ފަހަރަށް ޝަކުވާތައް އިތުރުވޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ޕޮލިހުންގެ ކްލިއަރެންސް ނުލިބެނީސް އެކައުންޓް ރިލީޒެއް ނުކުރެވޭ. އެއީ ސްކޭމްތައް ހުއްޓުވުމަށް ވަރަށް މުހިއްމު މަސައްކަތެއް ކަމަށް ބަލައިގެން މިއުޅެނީ،" ބީއެމްއެލްގެ އޮފިޝަލު ވިދާޅުވިއެވެ. 

ފުލުހުން ވިދާޅުވީ ސްކޭލް ކޯލްތައް ކޮށްގެންނާއި އެކައުންޓްތައް ހެކްކޮށްގެން 2022 ވަނަ އަހަރު 22 މިލިއަން ރުފިޔާ ގެއްލިފައިވެއެވެ.  

ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށްގެން، ބޭންކް އެކައުންޓްތަކަށް ވާސިލްވެގެން ފައިސާ ހޯދުމުގެ އިތުރުން އެކި ކުންފުނިތަކާއި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖު ފޮނުވައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ރާއްޖޭގައި ގިނަކަން ފުލުހުން ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. 

މިދިޔަ އަހަރު އެފަދަ 1،661 މައްސަލައެއް ރިޕޯޓުކުރިއިރު، އެފަދަ މައްސަލަތަކުގައި 20 މިލިއަން ރުފިޔާ ގެއްލިފައިވާކަން ވެސް ފުލުހުން ފާހަގަ ކުރައްވާފައި ވެއެވެ. 

ކިޔުންތެރިންގެ ހިޔާލު