ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

އާމްދަނީ ފޮރުވައިގެން އުޅެން ޖެހޭ ސަބަބެއް ނެތް: މެންބަރު މުޙައްމަދު އަލީ

04 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު އަލީ

ލިބޭ އާންދަނީ ފޮރުވައިގެން ނުވަތަ ހާމަ ނުކޮށް އުޅެންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

މެންބަރު މުޙައްްމަދު މިހެން ވިދާޅުވީ އޭނާގެ މާލީ ބަޔާނާއި ގުޅިގެން ފަތުރަމުންދާ ވާހަކަތަކާއި ގުޅޭގޮތުން އާންމުކުރި ސްޓޭޓްމަންޓެއްގަ އެވެ. 

އެ ސްޓޭޓަސް ގައި މެންބަރު މުޙައްމަދު ވިދާޅުވީ އޭނާ އެންމެ ފުރަތަމަ ދުވާފަރު ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވީ 2014 ވަނަ އަހަރު ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ކަމަށާ އެ ދައުރު ގައިވެސް އޭނާ އަކީ ރައްޔިތުންގެ މަޖިލީހުން ލިބުނު މުސާރައިގެ އިތުރުން އެއްވެސް އާމްދަނީއެއް ލިބުނު މެންބަރެއް ނޫން ކަމަށެވެ.

"... އަޅުގަނޑުގެ އެއްވެސް ވިޔަފާރިއެއް އަދި ފައިސާ އިތުރަށް ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެކަމީ އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން ދަންނަ ހަޤީގަތެކެވެ. އެ ދައުރުގައި އަޅުގަނޑަށް ލިބުނު މުސާރަ އާއި އިނާޔަތްތައް ޚަރަދުކޮށްފައިވާނީ އަޅުގަނޑުގެ ދިރިއުޅުމުގެ ޚަރަދުތަކަށާއި، ދާއިރާގެ ރައްޔިތުންގެ ބައެއް މުހުތާދުތަކަށެވެ,"

އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެ ދައުރު ނިމި 19 ވަނަ މަޖިލީހުގެ އިންތިޚާބު ނާކާމިޔާބު ވުމާއެކު އޭނާގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސާފައި ވާނީ މާލޭގެ ބާޒާރުމަތީގައި ހުންނަ ފިހާރައެއްގައި ވަޒީފާ އަދާކޮށްގެން އެތަނުން ލިބުނު އާމްދަނީން ކަމަށާ އެއީ ދުވާފަރުގެ އެންމެހާ ރައްޔިތުން ހެކިވާނެ ކަމެއް ކަމަށެވެ.

މެންބަރު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުން އެވަރުގެ ބޮޑު އިތުބާރެއްކޮށް ވޯޓްދެއްވުމުގެ މައިގަނޑު ސަބަބަކީ އެއްވެސް ޙާލެއްގައި ނާޖާއިޒު މަންފާތަކެއް ހޯދާއި އެފަދަ ކަންކަމުގައި އުޅޭ މީހެއްނޫންކަން ދުވާފަރުގެ ރައްޔިތުން ޤަބޫލުކުރާތީ ކަމަށެވެ.

އަދި ވިދާޅުވީ ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އޭނާއަކީ އާމްދަނީގެ ގޮތުގައި ހަމައެކަނި މަޖިލީހުން ލިބޭ މުސާރައަކުން ދިރިއުޅެމުންދާ މީހެއް ކަަމަށެވެ.

".. އަޅުގަނޑަކީ އަޅުގަނޑަށް ލިބޭ އާންދަނީ ފޮރުވައިގެން ނުވަތަ ހާމަ ނުކުރަން އުޅެންޖެހޭ ފަދަ ސަބަބެއް އޮތް މީހެއް ނޫނެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑު ވާނީ ނަޒާހަތްތެރިކަމާއި އިހްލާސްތެރިކަމާއެކު އުޅޭނެ މީހަކަށެވެ," މެންބަރު މުޙައްމަދު އަލީ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު