ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް: ދެކުނުގެ މަސްވެރިކަމަށް މުހިންމު މަޝްރޫޢުއެއް

04 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ޤާއިމު ކުރަން ވަނީ ނިންމާފައި --

އައްޑޫ ސިޓީގައި ޤާއިމުކުރަން ނިންމާފައިވާ މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބުގެ ސަބަބުން ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާ އިން ބުނެފި އެވެ.

މި މުހިންމު މަޝްރޫޢެއް ހަވާލުކޮށްފައިވަނީ، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާ އެވެ. އެ ކުންފުންޏާއެކު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

މި މަޝްރޫއަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ، އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫއެއް ކަމަށް އެ ވުޒާރާ އިން ބުނެ އެވެ.

އައްޑޫ ސިޓީގެ ލޮކޭޝަނަކީ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދު ކަމަށާ މި މަޝްރޫޢު ފެށުމުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގައި މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އިން ބުނެ އެވެ.

މީގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބި، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ދެކެ އެވެ.

މި ފަހުމުނާމާގެ ދަށުން، މި މަޝްރޫޢުގެ ތަފްޞީލީ މާސްޓަރ ޕްލޭނާއި، މާލީ އަދި އިޤްތިޞާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން، މަޝްރޫޢު ހިންގާނެ ވިޔަފާރި މޮޑެލްއާއި ފައިނޭންސްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ އެވެ. ސަރުކާރުގެ އަމާޒަކީ ދެކުނުގެ އިޤްތިޞާދު އާލާކޮށް، ގިނަ ފުރުޞަތުތަކެއް އުފެއްދުމެވެ.

ކިޔުންތެރިންގެ ހިޔާލު