ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

ރައީސްގެ ޗައިނާ ދަތުރުފުޅު ނިންމަވާލައްވައިފި، ދެއްވީ ދެ ޤައުމުގެ ގުޅުން ބަދަހިވާނެ ކަމުގެ ޔަޤީންކަން

04 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގ

ޗައިނާގެ ރައީސް، ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ ވަޑައިގަންނަވައިފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓްގައި ބައިވެރިވެވަޑައިގެން، އެހެންް ޤައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މަންދޫބުންނާއެކު އެސް.ސީ.އޯ. ޕްލަަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ރައީސް، ޝީ ޖިންޕިންގ އާވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެ ޤައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރު ކޮށްދެއްވާފަ އެވެ.

މިސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައިލެޓެރަލް ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެހެން ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމާއި، ގުޅިގެން މަސައްކަތްކުރެއްވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާ ކުރައްވާފަ އެވެ.

މިދަތުރުފުޅުގައި، ޤައުމީ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމުގެ ގޮތުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކިދާއިރާތަކުން އެއްބާރުލުންދިނުމާބެހޭ ފަހުމުނާމާތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.

މީގެއިތުރުން ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން، ޗައިނާއަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅެވެ. އަދި، އެމަނިކުފާނުގެ މިދަތުރުފުޅަކީ ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދިޔަ މުހިންމު ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު