ENGLISH
04 ސެޕްޓެމްބަރު 2025
މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ނޯޓިސް ފޮނުވައިފި
04 ސެޕްޓެމްބަރު 2025
|
ރައްޔިތުންގެ މަޖިލީހުގެ އިދާރާ --
ރައްޔިތުންގެ މަޖިލީސް މެންބަރުންގެ ތެރެއިން މާލީ ބަޔާން ނުފޮނުވާ މެންބަރުންނަށް މަޖިލީސް އިދާރާ އިން ނޯޓިސް ފޮނުވައިފި އެވެ.
މެންބަރުންގެ މާލީ ބަޔާންތައް ޢާންމުކުރަން ލާޒިމުކޮށް އެ ނިންމުން މަޖިލީހުން ނިންމީ މިދިޔަ އަހަރު އެވެ. އެ ނިންމުމާއި އެއްގޮތަށް މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ނިމިދިޔަ މަހުގެ ނިޔަލަށް ހުށައަޅަން ޖެހެ އެވެ.
މަޖިލީހުގެ އިދާރާއިން އިއްޔެ ވަނީ މެންބަރުންގެ މާލީ ބަޔާންތައް ޢާންމުކުރަން ފަށާފަ އެވެ. މަޖިލީހުގެ އިދާރާގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ މާލީ ބަޔާން ނުފޮނުވާ މެންބަރުންނަށް މަޖިލީސް އިދާރާ އިން ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. އެ ގޮތުން ކުރިއަށް އޮތް 15 ދުވަސްތެރޭ މާލީ ބަޔާންތައް ފޮނުވުމަށް ވަނީ އެދިފަ އެވެ.
އެނގިފައިވާ ގޮތުގައި މާލީ ބަޔާން ހުށަނާޅަނީ ފަސް މެންބަރެކެވެ. އަނެއް 88 މެންބަރުން ވަނީ މާލީ ބަޔާން ހުށައަޅާފަ އެވެ.
އެ މެންބަރުންގެ މާލީ ބަޔާންތައް މިހާރު ވަނީ ޢާންމުކޮށްފަ އެވެ. ޢާންމުކުރި މާލީ ބަޔާންތަކަށް ބަލާއިރު ބައެއް މެންބަރުންގެ މާލިއްޔަތުގައި މިލިއަނުން ފައިސާ އެބަ ހުއްޓެވެ. ބައެއް މެންބަރުންގެ މާލީ ބަޔާންތަކުގައި އެސެޓްގެ ގޮތުގައި ސައިކަލާއި ކާރާއި އެ ނޫން ބައެއް ވެހިކަލްތަކާއި ފްލެޓާއި ރޯ ހައުސް އެބަ ހުއްޓެވެ.
ނަމަވެސް ބައެއް މެންބަރުންގެ މާލީ ބަޔާންތައް ދައްކާ ގޮތުން އެ މެންބަރުންގެ މާލިއްޔަތުގައި ހުރީ ވަރަށް މަދު އަދަދެއްގެ ފައިސާކޮޅެކެވެ. ބައެއް މެންބަރުންގެ އެކައުންޓްގައި އެއްވެސް ފައިސާއެއް ނެތެވެ. ބައެއް މެންބަރުންގެ އެކައުންޓްގައި ހުރީ 100 ރުފިޔާ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީސް މެންބަރުންގެ މާލީ ބަޔާންތައް ޢާންމުކުރަން ނިންމީ މެންބަރުންގެ މާލީ ޙާލަތު ރައްޔިތުންނަށް އެނގި ނަޒާޙަތްތެރި ކަމަށް ފުރުސަތު ފަހިކުރުމުގެ ގޮތުންނެވެ.