ENGLISH

21 އޮކްޓޯބަރު 2025

Advertisement

ސިޔާސީ ދާއިރާ އިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

18 އޮކްޓޯބަރު 2025

|

މުޙައްމަދު އަދުހަމް

މިޞްރާއި ރާއްޖެ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން. --ފޮޓޯ: ޚާރިޖީ ވުޒާރާ

ރާއްޖެއާއި މިޞްރާ ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެޤައުމުގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، މިޞްރަށް ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ޚާރީޖީ ވަޒީރު ޑރ. ބަދްރު ޢަބްދެލަތީއާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ.

މިއަދުގެ ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލް އެވެ. އަދި މިޞްރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިސްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދެލަތީއެވެ.

މި އެއްބަސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި މިދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ކުރެވުނު މަސައްކަތް ރަސްމީވެގެންގޮސްފައިވާކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ދެޤައުމު ގުޅިގެން ތަރައްޤީއަށް އެކި ދާއިރާތަކުން މަސައްކަތް ކުރުމާ ގުޅޭގޮތުން ވެސް ރާއްޖެއާއި މިޞްރާ ދެމެދު ވަނީ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި މަޝްވަރާތައް އަމާޒުކުރެވިފައިވަނީ ދެ ޤައުމުގެ ދެމެދުގައި ދިގު މުއްދަތެއް ވަންދެން ދެމިއޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށާއި، އެކުގައި ކުރިއެރުމަށް އިތުރު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމަށް ކަމަށެވެ.

ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް ވަޑައިގަތީ މިދިޔަ ހުކުރު ދުވަހުގައެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ވަޒީރުގެ މިދަތުރުފުޅާއެކު، ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

ވަޒީރުގެ މިދަތުރުފުޅުގައި އަރިހުގައި އެ ވުޒާރާގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދުގެ އިތުރުން އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު