ENGLISH
18 އޮކްޓޯބަރު 2025
ޕޭޕަލް ގެނައުމުގައި ކާމިޔާބު ހޯދުނީ ސަރުކާރުން ދިން އެއްބާރުލުމުގެ ސަބަބުން: އުރީދޫ
17 އޮކްޓޯބަރު 2025
|
ޕޭޕަލް ގެނައުމުގައި ކާމިޔާބު ހޯދުނީ ސަރުކާރުން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށް އުރީދޫން ބުނޭ --
އުރީދޫ އިން ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެ ވެގެން ދިޔައީ އަދުގެ ސަރުކާރުން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމަށް އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޚާލިދު އަލް ހަމާދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރަން އުރީދޫ އިން ދަނީ ތައްޔާރުވަމުންނެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އިންވާޑް ރެމިޓެންސް ލައިސަންސް ރަސްމީކޮށް އުރީދޫ ފިންޓެކްއަށް ދީފަ އެވެ.
އުރީދޫގެ މި ކާމިިޔާބާއި ގުޅޭގޮތުން ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޚާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމަކީ އުރީދޫއަށް ލިބޭ ބޮޑު ފަޚުރެއް ކަމަށެވެ. އެ ކުންފުނީގެ ފަރާތުން އެ ޚިދުމަތް ފަށާ ފުރަތަމަ ޤައުމަކީ ރާއްޖެކަން ފާހަގަކުރައްވާ ޚާލިދު ވިދާޅުވީ އުރީދޫއަށް މިހާހިސާބަށް އާދެވުނީ ސަރުކާރުން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
ޚާއްސަކޮށް ރައީސް މުޢިއްޒުގެ ސަރުކާރުގެ އިސްނެންގެވުމަށް އެ ކުންފުންޏާއެކު ކޮށްފައިވާ ގިނަ މަސައްކަތްތައް ޚާލިދު ވަނީ ފާހަގަ ކުރައްވާފަ އެވެ. ދިވެހީންގެ ފަންނުވެރިކަން ކުރިއަރުވައި، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ދިވެހި އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުގައި އުރީދޫގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ޚާލިދު ވަނީ އެ މަސައްކަތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވެދެއްވި އެހީތެރިކަމާއި ބެހެއްޓެވި ގާތްކަން ފާހަގަ ކުރައްވައިފަ އެވެ.
އޮންލައިން ވިޔަފާރީގެ އެންމެ ފުޅާ، ޕޭޕަލް ފަދަ ޕްލެޓްފޯމްތައް ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އުފެއްދުންތެރިކަމުގެ އިޤްތިޞާދު އިތުރަށް ފުޅާކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދެއްވައިފަ އެވެ.
ދިވެހީންގެ ފަންނުވެރިކަން ކުރިއަރުވައި، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ދިވެހި އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލުވުމުގައި، ޕޭޕަލް ފަދަ ކުރިއަރާފައިވާ ޕްލެޓްފޯމްތަކުގެ ޒަރީއާއިން ދިވެހި ޒުވާނުންނަށް އެތައް ފުރުޞަތުތަކެއް ފަހިވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ފާހަގަކުރެއްވިއެވެ. ޕޭޕަލްއާއެކު ދިވެހިރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފު ކުރުމަށް ހަމަޖެހިފައިވާއިރު މިފަދަ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށާއި، މިކަންކަމުގެ ފައިދާ، ދިވެހި ރައްޔިތުންނަށް ކުރަމުންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުރިއަށް އޮތް 2026 ވަނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވައި، އެކި ދާއިރާތަކުން އުފެއްދުންތެރިކަން ކުރިއަރާ ދިއުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކަކީ އެކަމުގެ އިޙްސާސް، ސީދާ ރައްޔިތުންނަށް ވެސް ކުރާނެ ދުވަސްތަކަކަށް ވާނެކަން ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.