ENGLISH
18 އޮކްޓޯބަރު 2025
އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށްނަގާ ޢާންމު ވޯޓު: ރަޖިސްޓަރީވުމަށް ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި
17 އޮކްޓޯބަރު 2025
|
އިލެކްޝަންސް ކޮމިޝަން --
އައްޑޫސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓްގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ މި މަހުގެ 25ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓުގައި، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު އޮކްޓޫބަރު 18 ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުށް ނިންމީ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމަށް އެދޭތީ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ކަންކަން ނިންމެވުމަށް ސަރުކާރުން ބޭނުންވާތީ އެވެ.
އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟ މި ސުވާލެވެ.
އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ އައްޑުއަތޮޅު މީދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟ މި ސުވާލެވެ.
އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ އައްޑުއަތޮޅު ފޭދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟ މި ސުވާލެވެ.
މި ވޯޓްގައި ސަރުކާރުގެ ވަކި ސްޓޭންޑެއް އަދި ސަރުކާރުން ނެރެން ބޭނުންވާ ވަކި ނަތީޖާއެއް ނެތް ކަމަށާ ރައްޔިތުންގެ ކޮންމެ ނިންމުމަކަށް ވެސް ސަރުކާރުން އިހްތިރާމްކޮށް ބަލައިގަަންނާނެ ކަަމަށް ވަނީ ބުނެފަ އެވެ.