ENGLISH
21 އޮކްޓޯބަރު 2025
ސިއްޙީ ދާއިރާއަށް އުފާވެރި ދުވަހެއް: ރާއްޖޭގައި ކިޔެވި 20 ޑޮކްޓަރުން ޚިދުމަތަށް ނިކުންނަނީ
17 އޮކްޓޯބަރު 2025
|
ރާއްޖޭގައި ކިޔެވި 20 ޑޮކްޓަރުން ޚިދުމަތަށް ނިކުންނަން ވަނީ ތައްޔާރުވެފައި --
ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސްކޫލް އޮފް މެޑިސިން ގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗްގެ ޑޮކްޓަރުން ޚިދުމަތަށް ނިކުންނަން ތައްޔާރުވެއްޖެ އެވެ.
އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންގައި ޑޮކްޓަރުކަން ކިޔަަވައިދޭން ފަށައި ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވީ އޮކްޓޫބަރު 31, 2024 ގަ އެވެ. އެއީ 20 ދަރިވަރުންނެވެ.
އޭގެ ފަހުން އެ ދަރިވަރުން ވަނީ ޑޮކްޓަރުންގެ ގޮތުގައި ޚިދުމަތަށް ނިކުތުމުގެ ކުރީން އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަ ކޮށްފަ އެވެ. އެ ގޮތުން ސަރުކާރުގެ މައި ހޮސްޕިޓަލް -- އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި އޭޑީކޭގައި ވަނީ އިންޓާންޝިޕް ފުރިހަމަ ކޮށްފަ އެވެ.
އައިޖީއެމްއެޗުން ބުނީ އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންގައި ޑޮކްޓަރުކަން ކިޔެވި ޑޮކްޓަރުންްގެ އިންޓާންޝިޕް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ޚިދުމަތަށް ނިކުންނަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
ސިއްޙީ ދާއިރާއަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ސިއްޙީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
އަދި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 500 މިލިޔަން ރުފިޔާ ޞިއްޙީ ދާއިރާއަށް ކަނޑައަޅުއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ނިންމަވާާފަ އެވެ.
ރާއްޖެއިން ބޭރަށް ގޮސް ހަދަންޖެހޭ ޓެސްޓުތަކާއި ސަރޖަރީތައް، ރާއްޖޭގައި ހެދޭނޭ މަގުފަހިކުރުމަށްޓަކައި، 2026 ވަނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މާލެ އާއި، ސަރަޙައްދީ ހޮސްޕިޓަލުތަކާއި، ވަކި ވަކި ރަށްތަކެއްގައި ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް މަސައްކަތްތައް ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި މަސައްކަތްތައް ކުރައްވާނީ ޕްރިވެންޓެޓިވް އަދި ކިއުރެޓިވް ހެލްތުކެއަރ އަށް ސަމާލުކަން ދެއްވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ހޮސްޕިޓަލްތައް އެޅުމާއި ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީ ކުރުމަށްވެސް ޚާއްސަ މަސައްކަތްތަކެއް މިހާރު ފެށިފައިވެ އެވެ. އަދި ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.