ENGLISH

17 އޮކްޓޯބަރު 2025

Advertisement

ކާރިސާތަކާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ވެބްސައިޓް "ހުޝިޔާރު" ތަޢާރަފުކޮށްފި

17 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

"ހުޝިޔާރު" ވެބަސައިޓް ތަޢާރަފު ކުރުން --

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގުޅިގެން "ހުޝިޔާރު" ނަމުގައި ކާރިސާތަކަށް ތައްޔާރުވުމާއި ރިސްކް ކޮމިއުނިކޭޝަނަށް ޚާއްޞަ ވެބްސައިޓެއް ތަޢާރަފު ކޮށްފި އެވެ. 

ހުޝިޔާރު ކެމްޕެއިންގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ކާރިސާތަކާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

ހުޝިޔާރު ވެބްސައިޓަކީ މުޖުތަމަޢުއަށް މަޢުލޫމާތު ފޯރުކޮށްދޭ، ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭ، ގިނަ ބަސްތަކަކުން އިންޒާރުގެ މެސެޖް ފޯރުކޮށްދޭ އަދި ޢަމަލީ ގޮތުން އަޅާނެ ފިޔަވަޅު ތަކުގެ މަޢުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް  ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން އަރައްކާތަކާއި ގުޅޭ އިރުޝާދުތަކާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޑައުންލޯޑްކުރެވޭ ޕޯސްޓަރުތަކާއި، ތައުލީމީ ދާއިރާއަށްބޭނުންވާ ފަންނީ މަޢުލޫމާތު ލިބެން ހުންނާނެ އެވެ. އަދި މި ޕްލެޓްފޯމް ފަސް ބަހަކުން ބޭނުންކުރެވޭނެ އެވެ. މި ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. 

ރަސްމީކޮށް "ހުޝިޔާރު" ވެބަސައިޓް ތަޢާރަފުކޮށްފައި ވަނީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާއި ގުޅިގެން އެންޑީއެމްއޭ އިން އިސްނަގައިގެން ބޭއްވި "ވިލުންތެރި ފެސްޓު" ގަ އެވެ. ކުޑަކުދިންނާއި މުޅި މުޖްތަމަޢުއަށް އަމާޒުކޮށްގެން ބޭއްވި މި ހަރަކާތުގައި ދިވެހިރާއްޖޭގެ ކާރިސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި އަދި މިނޫންވެސް ސަރުކާރުގެ އެހެނިހެން އިދާރާތަކާއި، އަމިއްލަ ވިޔަފާރިތަކާއި އަދި މަދަނީ ޖަމްއިޢްޔާތައް ހިމެނޭ ގޮތަށް، 20 ފަރާތަކުން ވަނީ ދިވެހިރާއްޖެ ވިލުންތެރި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދީފަ އެވެ.

ދިވެހިރާއްޖޭގެ ކާރިސާ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު 2024-2030 ގައިބަޔާންކޮށްފައިވާ "އިޖާބަދިނުމަށް މުޖުތަމަޢު ބާރުވެރިކުރުވުން" މި މުހިންމު އަމާޒަށް ވާސިލް ވުމަށްޓަކައި ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ޚާއްޞަ ވެބްސައިޓެއް މިއަދު ޤާއިމްކުރެވިގެން ދިއުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު