ENGLISH
17 އޮކްޓޯބަރު 2025
ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެ: ހުކުރު ޚުތުބާ
17 އޮކްޓޯބަރު 2025
|
ސަލްމާން މިސްކިތް -- ފޮޓޯ: އެޑިޝަން
އިސްލާމްދީނުގެ ދެވަނަ ރުކުން ކަމުގައިވާ ނަމާދަކީ ދީނުގެ ތަނބު ކަމަށާ ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
"ނަމާދަށް ފަރުވާތެރިވުން" މި މައުޟޫއުއަށް މިއަދު މުޅި ރާއްޖޭގައި އިއްވި ހުކުރު ޚުތުބާގައި ބުނެފައި ވަނީ الله سُبْحَانَهُ وَتَعَالَى އިސްލާމްދީން ބާވައިލެއްވުމަށް ފަހު، އަޅުކަމެއްގެ ގޮތުގައި އަހަރެމެންގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަމަކީ ނަމާދު ކަމަށެވެ.
އަދި އެ އަޅުކަން ބާއްވާލެއްވެވީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް، ފިރިހެނަކަސް އަންހެނަކަސް، މުއްސަންޖަކަސް ފަޤީރަކަސް، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކަސް ބަލިމީހަކަސް، ރަށުގައި ޤާއިމުވެގެން ހުރިމީހަކަސް ދަތުރުވެރިޔަކަސް، އަމާންކަމުގެ ހާލަތުގައި ވެސް އަދި ބިރުވެރިކަމުގެ ހާލަތުގައި ވެސް ދޫކޮށްނުލެވޭ ފަރުޟެއްގެ ގޮތުގައި ކަމަށެވެ.
ނަމާދަކީ ރަސޫލުބޭކަލުންގެ ސާހިބާ މުޙައްމަދުގެ ލޯފުޅުގެ ފިނިކަންކަމުގައި ވީ ފަދައިން މުއުމިނުންގެ ވެސް ލޮލުގެ ފިނިކަން ކަމަށާ އެއީ ތަޤުވާވެރީންގެ މިޢުރާޖު ކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ.
ޚުތުބާގައި ބުނީ އިސްލާމްދީނުގެ ދެވަނަ ރުކުން ކަމުގައިވާ ނަމާދަކީ ދީނުގެ ތަނބު ކަމަށާ ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެ ކަމަށެވެ. އަދި އެކަމުގެ އެތައް ދަލީލުތަކެއް ބަޔާންކޮށް ދެއްވި އެވެ.
الله سُبْحَانَهُ وَتَعَالَى ނަމާދު ފަރުޟުކުރެއްވުމަށް އިރާދަކުރެއްވި ހިނދު، އެ ނަމާދު ފަރުޟުކުރެވުނީ އެންމެ މަތިވެރި ޝަރަފުވެރި މަޤާމަށް އެންމެ މަތިވެރި ސާހިބާ ގެންދެވުމަށް ފަހުގައި ކަމަށާ އެއީމަ ލާއިކަތުންނަށް ވެސް ކުއްތަންނުވެވޭހައި ހިސާބު ކަމުގައިވާ ހަތް އުޑުގެ ވެސް މަތި ކަމުގައި ޚުތުބާގައި ފާހަގަ ކުރެއްވި އެވެ.
ނަމާދު ފަރުޟުކުރެވުނީ އަރުޝިކޮޅާ އަރިސްކުރެއްވުމަށް ފަހު، އެއްވެސް މެދުވެރިޔަކު ނެތި، އެކަލޭގެފާނަށް ސީދާ ބަސްވަޙީކުރައްވައިގެން ކަމުގައިވެސް ބަޔާން ކުރެއްވި އެވެ. ނަމާދަކީ އެންމެ ފުރަތަމަ ފަރުޟުކުރެވުނު އަޅުކަމަށްވެފައި، އެއީ، ނަބިއްޔާ އުންމަތަށް ކުރެއްވި އެންމެފަހު ވަޞިއްޔަތްޕުޅުކަން ވެސް ހަނދާން ކޮށްދެއްވި އެވެ.
"..އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައި އޮންނެވި އިރު ހޭފުޅުނެތިފައި ހޭފުޅުއަރާ ކޮންމެ ފަހަރަކު ޙަދީޘްކުރައްވަނީ މީސްތަކުން ނަމާދުކޮށްފިހެއްޔެވެ؟ ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ފެންއަޅާށެވެ! ކޮންމެ ފަހަރަކު ފެންއަޅުއްވައިގެން އެކަލޭގެފާނު ނަމާދުކުރެއްވުމަށް ތެދުވެވަޑައިގަންނަވާ ތަނުން ހޭފުޅުނެތެއެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތް ދާންމަތިކޮޅުގައި އޮންނަވައި އުންމަތަށް އެންމެފަހުން ކުރެއްވި ވަޞިއްޔަތަކީ (اَلصَّلَاةَ! اَلصَّلَاةَ! اِتَّقُوا اللهَ فِيْمَا مَلَكَتْ أَيـْمَانُكُمْ) މާނައީ: "ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުންގެ ބެލުމުގެދަށުގައިވާފަރާތްތަކާ މެދު ﷲއަށް ބިރުވެތިވާށެވެ,"
الله سُبْحَانَهُ وَتَعَالَى ވަނީ ނަމާދު ޤާއިމުކޮށް އެ ނަމާދުތަކަށް ރައްކާތެރިވުމަށް އަހަރެމެންނަށް އަމުރުކުރައްވައިފައި ކަމަށާ ހަމަ އެ ފަދައިން އަހަރެމެންގެ ނަބިއްޔާ ވެސް ވަނީ އެ ކަމަށް ބާރުއަޅުއްވައިފައިކަން ޚުތުބާގައި ވަނީ ހަނދާން ކޮށްދީފަ އެވެ. الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުން ކަމަށާ ނަމާދަކީ ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ބަޔާންކުރައްވައިފައިވާ އަޅުކަމުގައިވެސް ޚުތުބާގައި ބުނެފައިވެ އެވެ.