ENGLISH
18 އޮކްޓޯބަރު 2025
ތުލުސްދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
17 އޮކްޓޯބަރު 2025
|
މާލެ އަތޮޅު ތުލުސްދޫގައި ސަރުކާރުން އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ފަށައިފި އެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަޝްރޫޢުގައި މިހާރު ކުރިއަށް ދަނީ އެކްސްކެވޭޓް ކުރުމާއި ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ އިތުރުން، 1،729 އަކަފޫޓުގެ ހެލްތު ސެންްޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކެއްގެ އިތުރުން 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގައި ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރި އާއި، ޕްރައިވެޓް ރޫމްތަކާއި، މެޑިކަލް ވޯޑްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އޮޕަރޭޝަން ތިއޭޓަރަކާއި، ލެބޯރެޓަރީއަކާއި، އެކްސްރޭ ކޮޓަރިއަކާއި، ވިއްސާ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި، އިމަރޖެންސީ ޚިދުމަތްދޭ ޔުނިޓެއްގެ އިތުރުން ހެލްތު ޔުނިޓެއްވެސް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަރުގެ މާރޗް މަހުތެރޭގައި، 101.71 މިލިއަން ރުފިޔާއަށެވެ.
ގާތްގަނޑަކަށް 1600 އެއްހާ މީހުން ދިރިއުޅޭ ތުލުސްދޫގައި ޞިއްޙީ ޚިދުމަތް މިހާރު ފޯރުކޮށްދެނީ ޞިއްޙީ މަރުކަޒަކުންނެވެ. އެހެންކަމުން އަލަށް ތަރައްޤީކުރާ ހޮސްޕިޓަލާއެކު، މިހާރު ދެމުންދާ ޚިދުމަތް ފުޅާވެ ޒަމާނީ އައު ޚިދުމަތްތައް ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށާއި އަދި ރަށަށް ޒިޔާރަތްކުރާ އެހެން ފަރާތްތަކަށް ލިބިގެންދާނެއެވެ.