ENGLISH
06 ޖުލައި 2025
ހުޅުމާލޭ 4،000 ފްލެޓުގެ މަޝްރޫޢުއަށް ނުދައްކާ އޮތް 178 މިލިއަން ރުފިޔާ ދައްކައިފި
28 ނޮވެމްބަރު 2024
|
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4،000 ހައުސިންގ ޔުނިޓުގެ މަޝްރޫޢު އަށް ނުދައްކާ އޮތް 178 މިލިއަން ރުފިޔާ ދައްކައި ޚަލާޞްކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު މި މަޝްރޫޢުއަށް ދައުލަތުން ދައްކަންޖެހޭ ފައިސާ އެއްކޮށް ދައްކާފައި ނުވާތީ، ފްލެޓްތަކުގެ މަސައްކަތް ނިންމުން ލަސްވެފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރު ހަވާލުވުމަށްފަހު ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ނުދައްކާ އޮތް 178 މިލިއަން ރުފިޔާ ދައްކާ ޚަލާޞްކޮށްފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.
އަމާން އުދަރެސް
މި މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެންބީސީސީ) އިންނެވެ. މި މަޝްރޫޢުގެ އަގުގެ 15 އިންސައްތަ ދިވެހި ދައުލަތުން ދައްކަން ޖެހޭއިރު، ބާކީ ދައްކަނީ އިންޑިއާ ސަރުކާރުންނެވެ. މުޅި މަޝްރޫޢުގެ އަގަކީ 267 މިލިއަން ޑޮލަރެވެ.
ހަމްދާން އިތުރަށް ވިދާޅުވި ގޮތުގައި، ކޮންޓްރެކްޓަރ ކުރަމުން އައި މަސައްކަތްތަކަށް ބަަދަލުތަކެއް ގެނައުމަށްފަހު މަސައްކަތް އަވަސްވާނެ ގޮތްތަކެއް ހަމަޖައްސާފައިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކުރިއާ ޚިލާފަށް މަސައްކަތްތައް އަވަސްވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިދިޔަ ދައުރު ނިމުނުއިރު 31 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މި ސަރުކާރު ހަވާލުވުމަށްފަހު ފުރަތަމަ، އަށް މަސްދުވަހުގެ ތެރޭގައި 32 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.
އަމާން އުދަރެސް
މި މަޝްރޫޢުގެ ދަށުން ޖުމްލަ 4،000 ހައުސިންގ ޔުނިޓުގެ 32 ޓަވަރުގެ މަސައްކަތް ކުރުމަށް އިންޑިއާގެ ދެ ކުންފުންޏާ ހަވާލުކުރީ 2021 ވަނަ އަހަރުއެވެ. ކޭޕީއައިއެލްއިން ތަރައްޤީކުރަމުންދާ 16 ޓަވަރަށް "އަމާން އުދަރެސް" އަދި އެންބީސީސީން ތަރައްޤީކުރަމުންދާ 16 ޓަވަރަށް "އަމާން ދޯދި" ގެ ނަން ދީފައިވެއެވެ.
އެފްޑީސީން މިހާރު އަމާޒު ހިފާފައި ވަނީ 4،000 ފްލެޓުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށެވެ.